މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމްއިން މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާ ރޫޅާލުމުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ އަށް މެމްބަރުން ނެވެ. ނުފެންނަ ކަމަށް 23 އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވިއެވެ. އިއްޔެގެ މުޒާހަރާ ރޫޅާލައި 10 މީހުން ހައްޔަރުކުރިއެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގައެވެ.
އިހުތިޖާޖުގައި ބައިވެރިވި ކަނބަލުންގެ ކަރާމާތް ފުލުހުން ނަގާލާފައިވާތީ އާއި، އަދި، މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ގާނޫނާ ވެސް ހިލާފު ކަމަކަށް ވާތީއާއި، މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އިހްތިޖާޖުގެ ބައިވެރިންނަށް އަނިޔާވާގޮތަށް ފުލުހުންގެ އަމަލު ކޮށްފައިވާތީއާއި، މިފަދަ ކަންކަމަކީ ޑިމޮކްރެސީގެ އަސާސްތަކާއި ހިލާފު.
– ހުސެންގެ މައްސަލާގައި ބުނެފައިވެއެވެ.
ފުލުހުން އެ ގޮތަށް އަމަލުކުރީ އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތަކަށް ވާތީ، ސީދާ ސަރުކާރުން އަންގައިގެން ކަމަށް ވެސް ކުއްލި މައްސަލައިގައި ވެއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އަންހެނުންގެ ކަރާމާތަށް އަރައިގަތް މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ކުއްލި މައްސަލައިގައި ގޮވައިލިއެވެ.
ކޮމެންޓު ފޮނުވާ