ބަނދަރާއި، މަގުހެދުން ހުއްޓާލާފައިވެސް ނަފްސާނީ ބަލިތަކަށް ބަޖެޓް ހަމަޖައްސަންޖެހޭ: އެމްއާރުއެމް

ބަނދަރާއި، މަގުހެދުން ހުއްޓާލާފައިވެސް ނަފްސާނީ ބަލިތަކަށް ބަޖެޓް ހަމަޖައްސަންޖެހޭ: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2022 08:53
0

ނަފްސާނީ ބަލިތަކަށް އިތުރު އިސްކަމެއްދީ، ފުރިހަމަ ފަރުވާއެއް ދިނުމަށްޓަކައި، ދައުލަތުން ކުރާ ޚަރަދުތައް މަޑު ޖައްސާލާފައި ނަމަވެސް، ނަފްސާނީ ބަލިތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ސަރުކާރަށް ގޮވާލައިފިއެވެ.

މިދުވަހާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވަމުން ދިޔަ ނަމަވެސް، އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ކަމާބެހޭ މާހިރުން ވަރަށް ބޮޑަށް މަދުކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި، ފަރުވާ ދިނުމަށް ބޭނުން ކުރެވޭނެ ވަސީލަތްތަށް ވެސް މަދުކަން ހިތާމައާއެކު ފާހަގަކުރާކަމަށެވެ. ނަފްސާނީ ބަލިތަކަށް އެޑުމިޓު ކޮށްގެން ފަރުވާ ދިނުމަށް ހުރި ވަސީލަތްތައް ވެސް އިންތިހާއަށް މަދުކަން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކަށް ހުށަހެޅޭ މީހުންގެ އަދަދު ވަރަށް ގިނަވަމުން ދާތީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަކީ މުޅި ދައުލަތުން ވެސް ނުހަނު އިސްކަމެއް ދޭންޖެހޭ ކަމެއްކަމުގައި އެމް.އާރް.އެމް އިން ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ދައުލަތުގެ ބަޖެޓަށް އިތުރު ކޮށްގެން ނަމަވެސް، ކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް ގާއިމް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިޕާޓީން ދެކެން. އެގޮތުން ބަނދަރުތައް ހެދުމާއި މަގުތައް ހެދުންފަދަ ބައެއް ކަންކަމަށް ކަނޑައަޅާ ބަޖެޓު ކުޑަކޮށްފައި ނަމަވެސް ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންގެންދާ މީހުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ލިބޭނެ ގޮތްހެދުން މާ މުހިންމު ކަމަށް މި ޕާޓީއިން ދެކޭތީ، މިދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން.

– އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ. ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވިޔަސް ދުވަހުން ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މިފަދަ ބަލިތަކަށް ރާއްޖޭގައި ފަރުވާ ދިނުމަށް 2019ވަނަ އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) ގައި "މެންޓަލް ހެލްތު" ކްލިނިކެއް ހުޅުވާފައިވެއެވެ. ރިކޯޑުތަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރު އެ ކްލިނިކަށް 7249 ބަލި މީހުން، 2020ވަނަ އަހަރު 17،708 މީހުން، 2021 ވަނަ އަހަރު 16،936 މީހުން އަދި 2022ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ ހަމައަށް 9746 މީހުން ނަފްސާނީ އެކިއެކި މައްސަލަތަކުގައި އެ ކްލިނިކުން ފަރުވާ ހޯދާފައިވެއެވެ.

އެޕާޓީން ބުނެފައިވަނީ ނަފްސާނީ ބައްޔަކީ ބައްޔެއް ނޫން ކަމަށް ބަލައި އެފަދަ މީހުންނަށް ފުރައްސާރަ ކުރުން ހުއްޓާލައި އެމީހުންނަށް ބޭނުންވާ އޯގާތެރިކަމާއި އަޅާލުން އިތުރު ކުރުމަށް މުޅި މުޖުތަމަޢުއަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.