ބްރޯޑްކާސްޓަރުންގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލައި ވާދަވެރި އިންސާފުވެރި މާހައުލެއް ބިނާކުުރުމަށް ދިމާވާ ހުރަސްތައް މަޖިލީހުގެ އިންކުއަރީއަކުން ދެނެގަނެ އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ގޮވާލުމަށް އިދިކޮޅުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. އެ ގަރާރުގެ ހުށަހެޅީ ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހަބަރާއި މައުލޫމާތު ފެތުރުމާއި އަދި އުނގެނުމާއި މުނިފޫހިފިލުވުމުގެ ހިދުމަތްދޭ ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކި ފަރާތްތަކެއްގެ ބާރުން ނައްތާލާ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި އެއްކޮށް ފުނޑާލައި ވަކިބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ކުރިމަތިކުރަމުންދާ ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ރައްޔިތުން މަޖިލީހުގެ ޕާލިމަންޓަރީ އިންކުއަރީއެއް މެދުވެރިކޮށް ދެނެގަނެ، އެ ހުރަސްތައް ނައްތާލުން ވެސް ގަރާރު ހުށަހެޅި މަގްސަދުތަކުގެ ތެރޭގައި ބުނެފައި ވެއެވެ.
ގަރާރުގައިވާ ގޮތުން ބްރޯޑްކޮމުން "ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު" އެކުލަވައިލީ ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ވަނުމުން މީޑިއާ ނެޓަށް ކުރިމަތިލާން ޖެހުނު ވާދަވެރިކަން ނައްތާލައި އެ ވިޔަފާރިން ދިރާގު ބޭރު ކޮށްލުމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭންފެށި ސިޔާސީގޮތުން ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންތަކެއްގެ ހިއްސާއޮތް މީޑިއާނެޓް ކުންފުންޏަށް ވާދަވެރިކަމެއްނެތި މުޅި ރާއްޖޭގައި އެ ވިޔަފާރީގެ ކޮންޓްރޯލު ހޯދާދިނުމުގެ ބޭނުމުގައ ބްްރޯޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް ކޭބަލްޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާއި ގުޅޭގޮތުން ތަފާތު ޝަކުވާތައް މީޑިއާނެޓްގެ ފަރާތުން ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން އެޝަކުވާތައް އިންސާފުގެ ހަމަތަކުން އެއްކިބާވެތިބެ ބަލައި އެފަރާތްތަކަށް ފިޔަވަޅު އަޅައި ހިދުމަތްތައް ހުއްޓުވާފައިވާކަމުގެ ގިނަ ޝަކުވާތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން ލިބިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ގަރާރުގައި ވަނީ ކުރިއަށް އޮތް ފީފާ ވޯލްޑު ކަޕު ދައުލަތުގެ މީޑިއާއިން ބެލޭނެ ކަން ގިނަ ރައްޔިތުން ކަށަވަރު ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ވީއިރު، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި އޮތުމަށް ވިޔަފާރީގެ ހަމަހަމަ ފުރުސަތުތަކެއް އޮތުން މުހިންމު ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ