ބޮލީވުޑްގެ އޭލިސްޓްގެ ތަރިއެއް ކަމުގައިވާ އާމިރު ޚާންގެ ފިލްމް "ލާލް ސިންގް ޗައްޑާ" ނެޓްފްލިކްސް އިން ސްޓްރީމު ކުރަން ފަށައިފިއެވެ.
ފިލްމު ސިނަމާތަކުގައި އެޅުވިތާ 2 މަސްވެސް ނުވަނީސް، ސްޓްރީމިންގ ޕްލެޓްފޯމް ނެޓްފްލިކްސް އިން ފިލްމު ސްޓީމް ކުރަން ފަށާފައި ވާއިރު ފިލްމު އެޅުވުމުގެ ކުރިން އާމިރު ބުނެފައި ވަނީ މި ފިލްމު އޯޓީޓީ ޕްލެޓްފޯމަށް ގެންނާނީ ސިނަމާގައި އަޅުވާތާ މަދުވެގެން ހައެއްކަ މަސް ފަހުން ކަމަށެވެ.
ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލުބުނު މި ފިލްމު ސިނަމާތަކަށް ގެނައީ އޯގަސްޓް 11 ގައިއެވެ. ސްޓްރީމް ކުރަން ފެށީ މިދިޔަ ބުދަ ދުވަހުއެވެ.
އާމިރު ޚާންގެ އިތުރުން ފިލްމުން ފެނިގެންދަނީ ކަރީނާ ކަޕޫރެވެ. އަދި ފިލްމުގައި ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެނިގެންދެއެވެ. މި ފިލްމަކީ ހޮލީވުޑްގެ ކާމިޔާބު ފިލްމު، "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމް އެޅުވުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮން ވަނީ ފިލްމް ބޮއިކޮޓް ކުރުމަށް ވެސް ގޮވާފައެވެ. ނަމަވެސް އާމިރު ވަނީ ފިލްމް ބޮއިކޮޓް ނުކޮށް ފިލްމް ބެލުމްށް ދިއުމަށް ރިކުއެސްޓް ކޮށްފައެވެ.
ފިލްމު އެޅުވި ދުވަހު 14.11 ކްރޯޑް ރުޕީސް ލިބުނުއިރު ދެވަނަ ދުވަހު ލިބުނީ ހަތް ކްރޯޑް ރުޕީސް އެވެ. ތިން ވަނަ ދުވަހު 10.60 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މިއީ އާމިރުގެ ފިލްމް އަކަށް އެންމެ އެކަށީގެންވާ ވަރެއް ނޫނެވެ.
ފިލްމު ސިނަމާގައި ނުހިިނގި ކަމުގައިވިޔަސް ފިލްމު ބެލުމަށްފަހު ފިލްމީ ތަރިންވަނީ ފިލްމަށް ވަރަށް ތައުރީފް ކޮށްފައެވެ. އަދި ފިލްމަކީ ބަލާލަން ރީތި ފިލްމެއް ކަމަށްވެސް ވަނީ ބުނެފައެވެ.