ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ޝަޚްތާރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލުން ވަނީ ފުރަތަމަ 28 މިނިޓް ތެރޭ ދެ ގޯލު ޖަހައިފައެވެ. އެ ގޮތުން 13 ވަނަ މިނިޓްގައި ރޮޑްރީގޯ އެ ޓީމަށް ލީޑުނަގައިދިންއިރު، 28 ވަނަ މިނިޓްގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ދެ ވަނަ ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ވިންގް، ވިނީޝިއުސް ޖޫނިއާއެވެ.
މެޗުގެ 39 ވަނަ މިނިޓްގައި ޝަހުތަރުން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ޓީމުގެ މި ލަނޑު ކާމިޔާބުކޮށްދިނީ އޮލެކްސަންޑާ ޒުބްކޯފް ބޮލުންނެވެ.
މިއީ 2014-2015 ވަނަ އަހަރުގެ ސީޒަނަށް ފަހު ރެއާލުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ރެއާލް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދި ޝަހުތަރުއެވެ. ރޭ ސެލްޓިކް އަތުން 3-1 އިން މޮޅުވި، އާރްބީ ލައިޕްޒިގު ތިން ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ސެލްޓިކް އަށް ތިން މެޗުން ލިބުނީ އެއް ޕޮއިންޓްއެވެ.