ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމް ދީނުގެ ތަރަހައިގެ މަތީގައި، 800 އަހަރުގެ ދިގު ތާރީޚެއް މާޒީއާއި އެކު ވެގެން ގޮސްފައިވާ، އަދުގެ ދުނިޔޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ހަމައެއާއެކު ދިވެހީން އިސްލާމްދީން ބަލައިގަތުމަށްފަހު ފާއިތުވީ ދިގު ތާރީޚުގައި، މަދު ފަހަރެއްގައި ޢައިރު މުސްލިމުންނަށް ދިވެހީންގެ މައްޗަށް ވެރިކަން ހިންގުމުގެ ފުރުސަތު ލިބިގެން ގޮސްފައިވި ނަމަވެސް، މި ދަނޑިވަޅުތަކުގައިވެސް ދިވެހިންގެ ދީން ބަދަލުކޮށް، ރާއްޖޭގައި އޮތް އިސްލާމީ ބިންގާ އެބައި މީހުންނަށް ފުނޑުފުނޑު ކޮށްލެވިފައެއް ނުވެއެވެ. އަދި ލާދީނީ ސިޔާސަތުތައް ދިވެހި ފަސްގަޑުގައި ދެމެހެއްޓިފައެއްވެސް ނުވެއެވެ.
މީލާދީން 16 ވަނަ ގަރުނުގައި ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ 16 އަހަރުވަންދެން ދެމި އޮވެފައި ވެއެވެ. އެއީ ސައްތައިން ސައްތަ އަޅުވެތިކަމުގައި ދިވެހިރާއްޖެ ދެމިއޮތް މުއްދަތެކެވެ. އެއަށްފަހު، ފަހުގެ ޒަމާނުގައި، 1887 އިން ފެށިގެން 1965 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮވެފައިވެއެވެ.
ތާރީޚު ހެކިދޭ ގޮތުގައި މިއިން އެއްވެސް ފަހަރަކު އިސްތިއުމާރީ ބާރުތަކަށް ލާދީނިއްޔަތަށް ދިވެހީންގެ ހިތްތައް އަބުރާލެވިފައެއް ނުވެއެވެ. ދިވެހީންގެ އުޅުމާއި ވައްޓަފާޅިއަށް ބަދަލު ގެނެވިފައެއްވެސް ނުވެއެވެ. ދިވެހި ފަސްގަޑު އޭރުވެސް އަލިވެފައި އޮތީ އިސްލާމީ ނޫރުންނެވެ. ބަންގީގެ އަޑު ޖައްވުގައި ގުގުމަމުން ގޮސްފައި ވެއެވެ. ފައްޅިތައް އަޅާ، ރާބުއިން އާންމުކޮށް، ކުލަބުތައް ހަދާ، ޖުވާކުޅުމާއި، މިނޫނަސް މާތްވެގެންވާ އިސްލާމް ދީނުގައި ހަރާމް ކުރެވިގެންވާ ކަންކަން ރާއްޖޭގައި، އިސްވެ ދެންނެވުނު އިސްތިއުމާރީ ވެރިކަންތަކުގައިވެސް އާންމު ކުރެވިގެން ގޮސްފައެއް ނުވެއެވެ.
އެހެންނަމަވެސް، ޒަމާންތައް ބަދަލުވެ، ބަވަނަ ވަމުންދާ ދުނިޔެއަށް ދިވެހިރާއްޖޭގެ ދޮރާށިތައްވެސް މިއަދު މިވަނީ ހުޅުވާލެވިފައެވެ. ކަނޑި ބަޑީގެ ބޭނުން ކޮށްގެން އިސްތިއުމާރުކުރުމަކީ އަދުގެ ދުނިޔޭގައި އޭގެ ޒާތުގައި ގައުމުތަކަށް އޮތް ނުރައްކަލަކަށް ނުވިނަމަވެސް، ބޭރުގެ ލާދީނިއްޔަތުގެ ނުފޫޒު މިއަދު ވެގެން މިދަނީ އިންސާނުންގެ ސިކުނޑިތައް އަޅުވެރިކުރާ އެންމެ ވަރުގަދަ އިސްތިއުމާރު ކަމުގައެވެ. ގަބޫލުކުރަން ދަތިވިނަމަވެވެސް، ދިވެހިރާއްޖޭގެ އުދަރެސްވެސް މިއަދު މިވަނީ މި ދެންނެވުނު އިސްތިއުމާރުގެ ވިލާތަކުން ބަނަ ކޮށްފައެވެ.
ކެސިނޯ އަޅާން ޖެހޭ ވާހަކަ މަޖިލީހަށް!
ރާއްޖޭގައި ކެސިނޯ އަޅާންޖެހޭކަމުގެ ވާހަކައާއި، އަދި ކެސިނޯގެ ވިޔަފާރިން ފަތުރުވެރިކަމުގެ ސިނާއަތަށް ނަފާވެރިކަން ހޯދާން ޖެހޭ ވާހަކައަކީ ރާއްޖޭގައި އަލަށް ދެކެވެމުންދާ ވާހަކައެއް ނޫނެނެވެ. އަދި ވަކީން ޚާއްސަކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ރާއްޖޭގައި ކެސިނޯ އެޅުމުގެ ހުއްދަ ދޭން ޖެހޭ ވާހަކަ ވަރަށްވެސް ފާޅުކަން ބޮޑު ގޮތެއްގައި، ބައެއް މެމްބަރުން ފާއިތުވެދިޔަ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދައްކާފައިވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން އެންމެ ގިނައިން މިވާހަކަ 19ވަނަ ރައްޔިތުންގެ މަޖިލިހުގައި ދައްކަވާފައިވަނީ ކާށީދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރުއެވެ. އޭނާވަނީ މަޖިލިސް ޖަލްސާތަކުގައި އެތައް ފަހަރެއްގެ މަތީން، ކުރެވެމުންދިޔަ އެތަކެއް ބަހުސެއްގައި، ރާއްޖޭގައި ކެސިނޯ އެޅުމުގެ ހުއްދަ ދިނުމަށް ގޮވާލައްވާފައެވެ.
ދިވެހިރައްޖޭގެ ގާނޫނު އަސާސީގައިވެސް އަދި މަޖިލިސް ގަވާއިދުގައިވެސް، އިސްލާމްދީނުގެ އަސާސްތަކާއި ހަމަތަކާއި ޚިލާފް ވާހަކައެއް ދެއްކުން ކަނޑައެޅިގެން މަނާކޮށްފައި އޮތް ނަމަވެސް، ފާއިތުވެދިޔަ ތަނުގައި މިގޮތުން ޖާބިރު ދައްކަވާފައިވާ އެއްވެސް ވާހަކައެއް މަޖިލިހުގެ ރިޔާސަތުން ހުއްޓުވާފައެއްވެސް ނުމެ ވޭމެއެވެ.
މިގޮތުން، ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ފާއިތުވެދިޔަ ތަނުގައި، ރާއްޖޭގައި ކެސިނޯ އަޅާން ޖެހޭކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކަވަމުން ގެންދަވާފައި ވާއިރު، އިއްޔެ ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޖާބިރުވަނީ ހަމަ މިސުވާލު ކުރިމަތި ކުރުވާފައެވެ. ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފުވަނީ ކެސިނޯ އެޅުންފަދަ ކަންކަމާއި ގުޅޭގޮތުން އެންމެ ކުޑަމިނުން މަޝްވަރާ ކުރުމުގެ ފުރުސަތުވެސް ދިވެހި މުޖުތަމަޢުގައި ނޯންނާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ވަރަށް ހައި ކްލާސް ޓޫރިޒަމްއެއްގައި އޮންނަ އިރު ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ކެސީނޯތައް ހިންގަން ބޭނުންވާ ހުއްދަ ނުދެވިގެން އުޅެނީ ކީއްވެގެންތޯ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި މަހުލޫފު ވިދާޅުވެފައިވަނީ ކެސީނޯ ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކިޔަސް އުޅެން ޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްލާނެ ޖާގައެއް ވެސް ނުލިބޭ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންކަން. އެ ވާހަކަ އެބަ ދެއްކެން ޖެހޭ ސޮސައިޓީގެ ތެރޭގައި. އޭރުންތާ އެނގޭނީ ރަނގަޅާ ނުބަޔާ.
މި މައުޟޫއުގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވެފައިވަނީ މިހާރުވެސް ރާ ވިއްކާ ކަމަށާއި ނަމަވެސް ކެސީނޯގެ ވާހަކަ ފެށުމުން އެއީ ހަރާމްކަމެއް ކަމަށް ބުނާ ކަމަށެވެ.
ހަމައެއާއެކު، ޖާބިރުގެ ސުވާލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ވިދާޅުވީ ކެސީނޯ ލައިސަންސް ދިނުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވަރަށް ގިނައިން ސުވާލު އަންނަ ކަމަށާއި، ކެސީނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމުގައެވެ.
ނަމަވެސް ސާފު ގަވައިދުތަކެއް ނެތުމުން ރިސޯޓްތަކަށް މި މަސައްކަތް ނުކުރެވި އެ ހިދުމަތް ނުދެވި ވާ ކަމަަށް ތަކުރާރުކޮށް މެމްބަރުން ފާހަގަ ކުރައްވާ.
ކެސިނޯ އެޅުމަކީ ރާއްޖޭގައި މަނާ ކުރެވިފައި ވާކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ނަޝީދު މި ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވެފައި ވެއެވެ.
ކުރުން ނުރައްކާތެރި ބަހުސެއް، ކެސިނޯ އަަޅަން ފުރުސަތެއް އެބައޮތްތަ!
ރާއްޖޭގެ ރިސޯޓުތަކުގައި ރާ ވިއްކުން ހުއްދަ ކުރެވިފައި އޮތް އޮތުމަށް ނިސްބަތްކޮށް، ކެސިނޯގެ ވިޔަފާރިއަކީ ހުއްދަ ކުރެވެން ޖެހޭ ވިޔަފާރިއަކަށް ހެދުމަށް ވަކާލާތު ކުރަމުންދާ ބަޔަކު ރާއްޖޭގައި ތިބި ނަމަވެސް، ކެސިނޯ އެޅުމުގެ ވާހަކައަކީ އާންމު ރައްޔިތުންގެ ދެކޮޅު ހެދުމާއި ނުރުހުން އިންތިހާއަށް އަމާޒުވެފައި އޮތް ބަހުސެއްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަދި މިއީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންވެސް ތަކުރާރުކޮށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ ބަހުސެއްވެސް މެއެވެ. ރައްޔިތުންގެ މަޖިލިހުގައި ކެސިނޯ އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެންޖެހޭ ކަމަށް މޭރުންކޮށް، ޔޫތު މިނިސްޓަރު މަހުލޫފު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެފައިވަނީ، މާޒީގައި ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ، އެ ގޯސް އަލުން ތަކުރާރު ކުރާންޖެހޭ ސަބަބެއް ނޫންކަމުގައެވެ.
މާޟީގައި ގޯސްކޮށް ކަމެއް ކުރެވިފައިއޮތުން, ނުވަތަ ޒަމާނުއްސުރެ ކަމެއް ގޯސްކޮށް ހިނގަމުން އައުން އެއީ އިތުރު ގޯސްތަކްރާރު ކުރަން އޮތް ޙުއްޖަތެއް ނޫން. އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ގޯސް ނިމުމަކަށް ގެންނަން.
ރިސޯޓުތަކުގައި ރާ ވިއްކުން ހުއްދަ ކުރެވިފައި އޮންނަ އޮތުމަށް އިޝާރާތް ކުރައްވާ އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ކޮންމެއަކަށް، ދިވެހިރާއްޖޭގެ މަސްރަހުން މިއަދު ފެންނާ އޮތް ހަގީގަތަކީ، ރާއްޖޭގައި ކެސިނޯ އެޅުމަށް ތާއީދުކުރާ ފަރާތްތައް ސަރުކާރުގެ އެންމެ މަތި ފަޑީގައިވެސް ތިއްބެވިކަމެވެ. އަދި މިކަމަށް ތާއީދުކޮށް، ބައެއް ފަރާތްތަކުން މި ބަހުސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމާއި ހަމައަށްވެސް ގެންގޮސް، މިއީ ގާނޫނު ހަދާ މަޖިލީހުގައި ރަސްމީކޮށް ކުރެވޭ ބަހުސަކަށްވެސް މިއަދު މިވަނީ ހަދާފައެވެ.
މިކަންކަމުން މޭރުން ކުރެވެން އޮތް އަނެއް ހަގީގަތަކީ، ޖުވާކުޅޭ ތަންތަން ރާއްޖޭގައި އެޅުމުގެ ބަހުސް މިއީ އާންމުކޮށް، ކުރެވޭ، ރައްޔިތުންގެ މެދުގައި މަޝްވަރާކޮށްގެން، އެއަށް ހަލު ހޯދައިގެން، މިއީ ހަގީގަތުގައި ކުރާންޖެހިފައި އޮތް ކެމަކެއްކަމަށް އާންމު ރައްޔިތުންނަށްވެސް ވިސްނައިދިނުމަށް ބޭނުންވާ ބަޔަކު ތިބިކަމެވެ.
އެހެންނަމަަވެސް، ގާނޫނު އަސާސީއަށް ބަލާލުމުން ސާފުވާން އޮތް ހަގީގަތަކީ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ކުރެވިގެންވާނެ ބަހުސެއްވެސް ނުމެ ނޫންކަމެވެ. އިސްލާމް ދީނުގެ އަސްލަކާއި ޚިލާފް އެއްވެސް ބަހުސެއް ގާނޫނުހަދާ މަޖިލިހުގައި ކުރުން ގާނޫނު އަސާސީންވަނީ މުތުލަގަށް މަނާ ކޮށްފައެވެ.
އަދި ކެސިނޯ އެޅުމަށް ހުއްދަ ދިނުމަށް ގޮވާލާ ގޮވާލުންތަކަކީ، އާންމު ރައްޔުތުންގެ ނުރުހުންވެސް އިންތިހާއަށް އަމާޒުވެފައި އޮތް ކަމަކަމަށް ވާއިރު، މި ބަހުސް މަޖިލީހަށް ގެންގޮސް، މިއީ މަޝްވަރާގެ ހައްލު ހޯދާންޖެހިފައި އޮތް މައްސަލައެއްކަމަށް މޭރުންކޮށް، މިއީ އާންމުކޮށް ކުރާންޖެހިފައި އޮތް ބަހުސަކަށް ހެދުމަކީ ހަގީގަތުގައިވެސް ރާއްޖޭގެ އިސްލާމީ ވަހުދަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އަދި މިއީ ޒަމާނުއްސުރެ ރާއްޖޭގައި ދެމިއޮތް ދީނީ އެއްބައިވަންތަކަމަށްވެސް ކުރިމަތިވެގެންދާނޭ ވަރަށްވެސް ބޮޑު ގޮންޖެހުމަކަށް ވެގެންދާނޭކަމީވެސް ކަށަވަރުވެ ޔަގީންވާ އޮތް ކަމެކެވެ.