ފަތުރުވެރިކަމަށް 50 އަހަރު! ސިނާއަތު އޮތީ ދިވެހީންގެ އަތް މަތީގައިތަ؟

ފަތުރުވެރިކަމަށް 50 އަހަރު! ސިނާއަތު އޮތީ ދިވެހީންގެ އަތް މަތީގައިތަ؟

ދިވެހިރާއްޖެއަކީ ތާރީޚީ ފަތްފުށްތަކުން އެގެން އޮތް ގޮތުގައި 2،500 އަހަރުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އަދި މި ދިގު ތާރީޚުގައި ބޭރުގެ ބާރުތަކުން އެތައް ފަހަރެއްގެ މަތިން މިރާއްޖެއަށް އަތް ގަދަކޮށް، މިރާއްޖޭގެ މައްޗަށް ވެރިވެގަތް ނަމަވެސް، ހަގީގަތުގައި، ގައުމުގައި އޮތް މިނިވަންކަމާއި ސުލްޙަ މަސަލަސްކަމުގެ މައްޗަށް ނުފޫޒު ފޯރުވި، އަދި މި ހަމަހިމޭންކާމާއި ގުދުރަތީ ރީތި މުއްސަނދިކަމުން ދިވެހިން މަހުރޫމު ކުރެވިފައެއް ނުވެއެވެ.

އެހެންނަމެސް، ސުލްހަވެރިކަމާއި، އަމާންކަމުގައ އެތައް ހާސް އަހަރެއް ދިވެހިން، ހަމަ ހިމޭން މިނިވަން ޖައްވަކަށް ނޭވާ ލަމުން ހޭދަ ކޮށްފައި ވިނަމަވެސް، މި ރީތިކަމާއި، މިނިވަންކަމާއި، މި ހަމަހިމޭންކަމުގެ ހަގީގީ އަގު ދިވެހިންނަށް ވަޒަން ކުރެވިފައި ނުވާކަހަލަ އެވެ. މާނައަކީ، މިއީ އޭގެ އަގުބޮޑު، އަދި ދިވެހި އިގްތިސާދާއި، ދިވެހިން އާންމު ދިރިއުޅުމާއި ގުޅުވާލެވިދާނެ މުހިންމު ވަސީލަތެއްގެ ގޮތުގައި، 1972ވަނަ އަހަރާއި ހަމައަށް ދަންދެން ދިވެހިނަށް ވަޒަން ކުރެވިފައި ނުވާ ކަހަލައެވެ.

މިގޮތުން، 26 އަތޮޅުގައި، 1192 ރަށުގެ މައްޗަށް އެކުލެވިފައި އޮތް، އިންޑިއާ ކަނޑުގައި، 820 ކިލޯ މީޓަރުގެ ދިގު ރާސްތާއެއްގައި، އުތުރުން ދެކުނަށް، ގަތާލެވިފައި އޮތް ހާރެއްގެ ސިފައިގައި އެ ކަނޑުގެ، އިގްތިސާދީ ގޮތުންވެސް އެންމެ މުހިން ހިސާބުގައި މިރާއްޖެ އޮތްއިރު، މިއިން އެއްވެސް ކަމެއްގެ މަޗަށް، ކުރިއެރުމާއި، ތަރައްގީއާއި ތަމައްދުނުގެ ރޮގުން އެހާތަނާއި ހަމައަށް ދިވެހިން ފުރިހަމަ ނަޒަރިއްޔާތަކުން ވިސްނާފައެއް ނުވެއެވެ.

އެހެން ނަމަވެސް، ގުދުރަތުން ހަދިޔާ ކުރެއްވި މި ރީތި ރަށްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ 1972ވަނަ އަހަރު އެޅިގެން ދިޔަ ދިއުން ވެގެންދިޔައީ، އެތައް ގޮތަކުން ދިވެހިރާއްޖެއަށް ކުރިއެރުމާއި، ތަރައްގިއާއި ގެނެސްދިން، އަދި ބޭރު ދުނިޔެއަށް މިރާއްޖޭގެ ދޮރާށި ހުޅުވި، އަދި އެއަށްފަހު ބައިނަލް އަގުވާމީ މަސްރަހުގައިވެސް މުހިންމު ދައުރެއް އަދާކުރުމަށް ދިވެހިރާއްޖެއަށް ފުރުސަތު ލިބިގެންދިޔަ ބޮޑު ބަދަލުގެ ފެށުމުގެ ގޮތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ފެށިގެން އައިރު ރާއްޖޭގައި ކުރިޔަށް ނުގެންދެވޭނެ ވިޔަފާރިއެއްގެ ގޮތުގައި ބައެއް ފަތާރްތަކުން ދެކެމުން އައި ސިނާއަތެއް

މިގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވިގެންދިޔަ ރިސޯޓަކީ 1972 ވަނަ އަހަރު ހުޅުވުނު ކުރުނބާ އައިލެންޑް ރިސޯޓެވެ. އެރިސޯޓު ހުޅުވިގެން ދިޔައިރު، ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން ދަންނަ ޑެސްޓިނޭޝަނެއް ނޫނެވެ. ބޭރުގެ އިންވެސްޓްމަންޓެއް ރާއްޖެއަކު ނެތެވެ. ފަތުރުވެރިކަން ރާއްޖޭގައި ތަރައްގީ ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އާމްދަނީ ހޯދޭނެ ހަމައެކަނި ވަސީލަތެއްގެ ގޮތުގައި އޮތީ މަސްވެރިކަމެވެ.

މި ދެންނެވުނު، ގޮންޖެހުންތަކުން ފުރިފައި އޮތް 50 އަހަރުގެ ތާރީޚު ކަނޑައްތުކޮށް، މިއަދާއިހަމައަށް ދަތުރު ކުރެވުނުއިރު، މިއަދު ރާއްޖޭގެ ފަތުރިވެރިކަމުގެ ސިނާއަތުގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާ އާއި 13 ޓޫރިސްޓު ހޮޓަލާއި 721 ގެސްޓް ހައުސް ހިންގަމުން އެބަ ދެއެވެ. އޭގެ އިތުރުން، ސިނާއަތުގެ ތެރެއަށް އާ އީޖާދީ ވިސްނުންތައް ތައާރަފްކޮށް، ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި 147 ޓޫރިސްޓް އުޅަނދާއި 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ދާއިރު، ދުނިޔޭގެ އެންމެ އެންމެ ކުރިއަރާފައިވާ މި ސިނާއަތުގައި 57436 އެނދު މިއައު އެބަހުއްޓެވެ.

މިއީ ކުރިއަރާފައިވާ، މި ރާއްޖޭގެ އަގުބޮޑު ފަތުރުވެރިކަމުގެ ސިނާއަތުގެ ފަޚުރުވެރި މާޒީއެވެ.

އެހެންނަމަވެސް، އާންމު އެތައް ރައްޔިތެއްގެ ބޮޑު ގުރުބާނީން ނަގަހައްޓާ ތަރައްގީކޮށް ދަހަމައްޓަމުން އަންނަ، ދިވެހިރާއްޖޭގެ އިގްތިސާދުގެ ރަންބިސް އަޅާ ކުކުޅުގެ ގޮތުގައި އަދިވެސް ދެމިއޮތް މިސިނާއަތުން ދިވެހި އިގްތިސާދަށް ލިބެމުންދާ އާމްދަނީގެ އިތުރުން، އާންމު ރައްޔިތުމީހާއަށް ލިބެމުންދަނީ ކިހާ ފައިދާއެއްތޯ ނުވަތަ މި ސިނާއަތުގައި ދިވެހި އާންމު ފަރުދުންގެ ހިއްސާ އޮތީ ކޮން މިންވަރަކަށްތޯއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މި ސިނާއަތުގައި އިންވެސްޓުކޮށް، ދުނިޔޭގެ އަގު ބޮޑު ބްރޭންޑްތައް މި ސިނާއަތުގައި މިއަދު ފިޔަ ޖަހަމުން ދާއިރު، މި އަގުބޮޑު ވިޔަފާރިން ދިވެހި އާންމު އާއިލާތަކުގެ ފުދުންތެރިކަމަށް ނުވަތަ ކުދިކުދި ރަށްތަކުގެ އިގްތިސާދުތަކަށް އައިސްފައިވަނީ ކިހާ ވަރެއްގެ ދިރުމެއްތޯއެވެ. ހެޔޮ ބަދަލެއްތޯއެވެ.

ސިނާއަތު އުފެދި ތަރައްގީވަމުން އައިއިރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ ދަތުރުފަތުރު ކުރުމުގެ ގޮންޖެހުން

 

ސިނާއަތު ބޭރުގެ އިންވެސްޓަރުންގެ މުށުތެރޭގައި!

ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިއަދު ދުނިޔޭގެ އެންމެ އުހުގައި އޮތް ސިނާއަތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މި އިންޑަސްޓްރީގައި ދުނިޔޭގެ މުއްސަދި މަހުޖަނުންނާއި، އަގު ބޮޑު ބްރޭންޑްތަކުން ވަނީ އިންވެސްޓް ކޮށްފައެވެ.

އޭގެ ތެރޭގައި ހުޅަނގުގެ މުއްސަދި މަހުޖަނުން ހިމެނޭއިރު، ސައުދީ އަރަބިއާފަދަ މުއްސަދި އަރަބި ގައުމުތަކުގެ ޝާހީ އާއިލާތައްވެސް ހިމެނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ހޮޓާތަކާއި ރިސޯޓުތައް ހިމެނިގެން ދަނީ ދުނިޔޭގެ އެންމެ އަގުބޮޑު، މަތީ ފަންތީގެ ޚިދުމަތްތައް އެ ތަންތަނުން ފޯރު ކޮށްދޭ، އަދި އެތަންތަނަށް މަހުޖަނުންނާއި އެކި ފަންނުތަކުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަގުވާމީ ފެންވަރުގެ ތަރީން ޒިޔާރަތްކުރަމުންދާ މަންޒިލްތައް ކަމުގައިވެސް މެއެވެ.

އިސްވެ ދެންނެވުނު ހަގީގަތްތަކުގެ މައްޗަށް، ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ފަޚުރުވެރި ވެވެން އޮތް ކަމުގައިވި ނަމަވެސް، 50 އަހަރުގެ ދިގު ތާރީޚެއް ކަނޑައްތު ކޮށްފައި އޮތް ފަތުރުވެރިކަމުގެ މިސިނާއަތުން އާންމު ދިވެހި ރައްޔިތުންގެ އިގުތިސާދީ ހާލަތު، މި ސިނާއަތަށް ލިބިގެން ގޮސްފައިވާ ކުރިއެރުންތަކާއި އަޅާކިޔާލެވޭ މިންވަރަށް ތަނަވަސް ވެގެން ގޮސްފައި ނުވާކަމުގެ ދިރިހުރި މިސާލުތައް ވަށައިގެން މިހިރީ ފެންނާށެވެ.

ރައްޖޭގެ އެކި ކަންކޮޅުތަކުގައި، އެކި އަތިޅުތަކުގައި އަގު ބޮޑު ރިސޯޓުތައް ހިންގަމުން ދާއިރު، ބައިނަލްއަގުވާމީ ފެންވަރުގެ މި ރިސޯޓުތަކާއި އިންވެގެން، ނަރުދަމާގެ ނިޒާމު ނެތިގެން ގޮޑުދޮށަށް ފާޚާނާ ކުރަންޖެހޭ، މީހުން އުޅޭ ރަށްތައް އަދިވެސް ރާއްޖޭގައި އެބަހުއްޓެވެ. މިފަދަ ގިނަ ރަށްތަކުގައި ކުނި ނައްތާލެވޭނޭ އެކަށިގެންވާ ނިޒާމެއް ނެތިގެން، ރަށްތަކުން ބާކީވާ ކުނިތަކަކީ ކައިރީގައި ޖެހިގެން އޮންނަ ރިސޯޓަށް ކުރިމަތިވާ ބޮޑު ގިލަންވެރިކަމަކަށް ވެގެން ދާއިރުވެސް، ރާއްޖޭގައި އަދިވެސް ގިނައީ މިފަދަ އަސާސީ ޚިދުމަތެއް ރަށެއްގައި ގާއިމްކުރުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންނުވާ ރިސޯޓުތަކެވެ.

ބައި ގަރުނުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ މަތީފަންތީގެ އެންމެ އިތުބާރު ކުރެވޭ ބްރޭންޑަށް

ސަބަބެއްކަމުގައި ގިނަ ބަޔަކު މިއަދު ފާހަގަކުރަމުންދާ އެއް ކަމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓުކޮށް، މި އިންވެސްޓުމަންޓުތަކުގެ ހަގީގީ ހިއްސާ ދާރުންގެ ގޮތުގައި ގިނައިން ތިބީ ބޭރުގެ މުއްސަދި މަހުޖަނުންނާއި ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތައް ކަމުގައި ވުމެވެ. ސިނާއަތަށް 50 އަހަރު ފުރިގެން ދިޔައިރު، މުޅި ސިނާއަތުގެ މުގޫ ގާދޫކޮލުން ބޭރަށް ގޮސްފައި ވުމެވެ.

ހަމަ މިބީދައިން، އިގްތިސާދީ ނަޒަރަކުން ވިސްނާލާއިރު، ދިވެހިރާއްޖޭގެ ގިނަ ރިސޯޓުތަކަށް ވަންނަ އަދި މި ވިޔަފާރިތަކުން ދައުރުކުރާ ބޭރު ފައިސާގެ މެޖޯރިޓީ އިންސައްތައަކީ ރާއްޖޭގެ ބޭންކުތަކުގައި ދައުރު ވަމުންދާ ބޭރު ފައިސާއެއް ނޫނެވެ. މިއަދާއި ހަމައަށްވެސް، މި އިންވެސްމަންޓުތަކުން ކުރާ ފައިސާގެ މުއާމަލާތްތައް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ކުރުމަށް ލާޒިމްކުރާ ގާނޫނެއްވެސް ވުޖޫދު ކުރެވިފައެއް ނުވެއެވެ.

އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދައުރުވަމުންދާ ޑޮލަރަކީ ރާއްޖޭގެ ބޭންކުތަކުގައި ދައުރުކުރެވޭ ބޭރު ފައިސާއަށް ހެދިއްޖެނަމަ، ރާއްޖެއަށް އެމައްސަލައަކުން އަރައި ނުގަނެވިގެން އުޅޭ ބޭރު ފައިސާގެ ދަތިކަމުން އަރައިގަނެވުން ރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް ވެގެންދާނީ ވަރަށްވެސް ފަސޭހަ ކަމެއް ކަމުގައެވެ.

ހަމައެއާއެކު، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި އަދާއި ހަމައަށްވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ވަދެވިފައެއް ނުވެއެވެ. ސިނާއަތަށް ބޭނުންވާ ގިނަ ތަކައްޗަކީ ބޭރުގެ ގައުމުންތަކުން އިމްޕޯޓު ކުރާ ތަކެއްޗެވެ.  ދިވެހި އުފެއްދުންތަކާއި، ދިވެހިން ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަށީގެންވާ ގޮތެއްގައި އަދިވެސް ރިސޯޓުތަކަށް ފޯރުކޮށްދެވޭނެ އެކަށީގެންވާ ނިޒާމެއް އެކުލަވާލެވިފައެއް ނުވެއެވެ.

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކޮށްގެން، އެކުންފުނިތަކުން ހިންގާ ގިނަ ރިސޯޓުތަކުގެ އިސް މަގާމްތަކުގައި ތިބީ ގައުމުން ބޭރުގެ މީހުންނެވެ. އާދައިގެން ވަޒީފާގަޑެއް މެނުވީ ދިވެއްސަކަށް ލިބިދެވޭނޭ ގޮތެއް ނެތެވެ.

އަގުބޮޑު މި ސިނާއަތުގެ މުގޫ ހަގީގަތުގައިވެސް އަމިއްލަ މިލްކިއްޔާތުގައި ނެތްއިރު، މި އަގު ބޮޑު އެސެޓުން ވިޔަފާރިކޮށްގެން ލިބޭ މަންފާގެ %80 އަކީ އޭގެ ރާހަތު ދިވެހި ރާއްޖެއަށާއި ރައްޔިތުންނަށް ކުރަމުން ނުދާ، ވަޒަންކޮށްލަން ދަތި، އެހެންނަމަވެސް، މިސިނާއަތުގެ މިއަދުގެ ހަގީގަތެވެ.

 

މުސްތަގުބަލް، ހުރި ގޮންޖެހުންތައް ބޮޑު!

ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކަޑައްތު ކުރި ބައި ގަރުނުގެ މުއްދަތުގައި ބޮޑު ދެ ގޮންޖެހުމަކާއި މިސިނާއަތަށް ކުރިމަތިލާން ޖެހިފައި ވެއެވެ. އެއީ 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާއިން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވީ ގޮންޖެހުންތަކާއި، އަދި 2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔެ ކުރިމަތި ލާންޖެހުނު ކޯވިޑް19ގެ އާލަމީ ވަބާއެވެ.

މިގޮތުން، ކުރިމަތިވި ކޯވިޑް ކާރިސާގެ ނުރައްކާތެރިކަން ބޮޑުވެ، 2020 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމިގެންދިޔަ ތަނާކަހަލަ ގޮތަކަށް، ކޯވިޑްގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކާ ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން ޖެހުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް ބަރޯސާވެފަ އޮތް، ފަތުރުވެރިކަމުގެ ސިނާއަތުގެ ތާރީޚުގައިވެސް ކުރިމަތިވެފައި ނުވާވަރުގެ ބޮޑު ގޮންޖެހުމަކާ އެސިނާއަތަށް ކުރިމަތިލާން ޖެހުމެވެ. މިގޮތުން، ރާއްޖޭ ޖީޑީޕީގެ ބޮޑު ބައެއް ސީދާ ގޮތުންނާއި ނުސީދާގޮތުން ހިއްސާކުރާ، ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމުނުއިރު %68 ދަށަށް ގޮސްފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓުކޮށް, ދިވެހީންނަށް ފުރުސަތު ފަހިކޮށްދީންގެ ތިއްބެވީ ގާސިމް އިބުރާހިމްފަދަ މަދު ބޭފުޅުންކޮޅެއް

އެހެންނަަމަވެސް، ކޯވިޑްގެ ނުރައްކާތެރި ވަބާއިން އަރައިގަތުމަށް ސަރުކާރުން އެޅި ހަރަދުނާ ފިޔަވަޅުތަކާއި، އަދި ގެންގުޅެފައިވާ "އޮޕެން ބޯޑަރ" ޕޮލިސީގެ ނަތީޖާއެއްގެ ގޮތުން، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސިނާއަތު މިވަނީ އަނެއްކާވެސް ނަގާ ކޮޅަށް ޖެހިފައެވެ. އަދި އޭގެ އެދެވޭ ނަތީޖާ އިގްތިސާދުންވެސް ދަނީ ފެންނަނަމުންނެވެ. ސިނާއަތު މިއަދުވަނީ ކޯވިޑްގެ ކުރީގެ ހާލަތަށް ރުޖޫޢަ ވާން ފަށާފައެވެ.

އެހެންނަމަވެސް، 50 އަހަރުގެ ތާރީޚެއް ކަޑައަތު ކުރެވިގެން މިއަދު ދިވެހިން މި ސިނާއަތަށްޓަކާ ފަޚުރުވެރި ވަމުންދިޔަ ނަމަވެސް، ގައުމުގައި އޮތް މި އިންޑަސްޓްރީން ގައުމަށް ލިބެންވާ މަންފާގެ ބޮޑުބައަކުން ދިވެހީން މިތިބީ މަހުރޫމް ވެފައެވެ. ދިވެހި އިގްތިސާދަށް މި ސިނާއަތުން ފައިދާއެއް ކުރަމުން ދިޔައެއް ކަމަކު، ސިނާއަތުން ލިބޭ އާމްދަނީ ބޮޑު ބައި އަދިވެސް ޖަމާވަމުންދަނީ ބޭރު މީހުންގެ ތިޖޫރީތަކަށެވެ. ބޭރު ފައިސާގެ ބޮޑުބައި ދައުރުވަމުން ދަނީ އެވެރިންގެ ބޭންކު ތަކުގައެވެ.

ދިވެހީންނަށް އުޅެން ޖެހިފައި މިއޮތީ ބްލެކް މާރކެޓުން ޑޮލަރު ގަންނާށެވެ. ބާނާ ފަރު މަސްކޮޅުވެސް ކުޑަ މިނުން ރިސޯޓަކަށް ކިރާ ލެވޭކަށްވެސް ނެތެވެ. ހައްދާ ތަރުކާރީކޮޅު ރިސޯޓަކަށް ވިއްކާލެވޭނޭ ގޮތެއް ނުމެ ނެތްމެއެވެ. މިއީ ހަގީގަތުގައި ބަދަލުކުރާން ޖެހިފައި އޮތް ހާލަތެވެ. ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް، 50 އަހަރު ފުރިގެން ދިޔައިރު، ފަތުރުވެރިކަމުގެ މި ސިނާއަތަކީ ދިވެހީންގެ ސިނާއަތަކަށް މިއޮތީ ހަދާން ޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.