އަޒްހާން ހޯދުމަށް ހިންގި ތަހުގީގާއިމެދު އުފެދޭ ސުވާލުތަކުގެ ޖަވާބު ދިނުމަށް ގޮވާލައިފި

އަޒްހާން ހޯދުމަށް ހިންގި ތަހުގީގާއިމެދު އުފެދޭ ސުވާލުތަކުގެ ޖަވާބު ދިނުމަށް ގޮވާލައިފި

މިދިޔަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން ހޯދުމަށް ފުލުހުން ހިންގި ތަޙުޤީޤާ މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިކަމާ ގުޅޭގޮތުން މީޑިއާތަކުން ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، އަޒްހާންގެ ހަށިގަނޑު އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުސްބިމަކުން ވަނީ ފެނިފައިވާކަމަށެވެ. އަދި ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެހެންކަމުން ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވާކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް ގޮވާލަން.

– އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން "ހޮމިސައިޑް" ތަޙުޤީޤެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަޙުޤީޤާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިކަމަށް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ. އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން، އޭނާ ހޯދުމަށް ފުލުހުން އެ ސަރަޙައްދު ރަނގަޅަށް ބަލާފާސްކުރިތޯއާއި، އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހައި ކައިރި ސަރަހައްދަކުންތޯއާއި ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިކަމަށްވެސް މިބަޔާނުގައިވެއެވެ.

މިހާތަނަށް މިމަރާއި ގުޅިގެން ޝައްކުކުރެވޭ މީހަކުވެސް ދެނެގަނެވިފައެއް ނުވެއެވެ. އަދި އަޒުހާން ގެންގުޅުނު ފޯނުވެސް އަދި މިހާތަނަށް ފެނިފައިނުވެއެވެ. ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ކޯޑަންކޮށް ބަންދުކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދާއިރު އެސަރަހައްދުން ފުލުހުންނަށް މިމަރާއި ގުޅިގެން ލިބިފައިވާ ކުރިއެރުންތަކުގެ މާބޮޑު ތަފްސީލެއްވެސް އަދި ހާމަކޮށްފައިނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.