މެސީގެ ތަފާތު މޮޅު ހިލޭޖެހުމާއެކު ޕީއެސްޖީ އެއްވަނަ އަށް

މެސީގެ ތަފާތު މޮޅު ހިލޭޖެހުމާއެކު ޕީއެސްޖީ އެއްވަނަ އަށް

ފްރާންސް ލީގުގައި ނީސް އާ ދެކޮޅަށް ކުޅުނު މެޗުގައި ހިލޭ ޖެހުމުން ލިއޮނެލް މެސީ ޖެހި ތަފާތު މޮޅު ގޯލުން ޕީއެސްޖީ މޮޅުވެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ހަފްތާ ކުޅޭ ޗެމްޕިއަންސް ލީގު މެޗަށް އަރާމު ކުރަން އެމްބާޕޭ އަށް ވަގުތު ދިނުމުގެ ގޮތުން، ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ، މެޗު ފެށީ އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. އެމްބާޕޭގެ ބަދަލުގައި ޒުވާން ސްޓްރައިކަރު ހޫގޯ އެކިޓިކޭ އަށް ވަނީ ފުރަތަމަ ފަހަރަށް ފުރަތަމަ 11 އިން ޖާގަ ދީފައެވެ.

ފުރަތަމަ ހާފުގައި އެންމެންގެ ސަމާލުކަން ލިބުނީ 29 ވަނަ މިނިޓުގައި ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި ލަނޑަށެވެ. ޑީ އޭރިއާ ރޮނގު މަތިން ލިބުނު ހިލޭޖެހުން މެސީ ވަނީ ކުރިމަތީ އެތުރިގެން ތިބި ނީސްގެ ކުޅުންތެރިންގެ ބޯ މަތިން ސީދާ ކަނަށް ފޮނުވާލައިފައެވެ.

ސަޕޯޓަރުންނަށް އެންމެ މުނާސަބު ކަމަކަށް ވީ ގޯލަށް ބޯޅަ ވަން ވަގުތު، ދަނޑުގެ އިސްތިހާރު ބޯޑުތަކަށް، މި ސީޒަނުގައި އެޓީމުގެ އަތުކުރީގައި ޖަހައިގެން އުޅޭ ސްޕޮންސާ؛ "ގޯޓް" އެރުމެވެ. މެސީ ވަނީ ނިމުނު އިންޓަނޭޝަނަލް ބްރޭކުގައި އާޖެންޓީނާގެ ޖޯޒީގައި ވެސް ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން މި ސީޒަނުގައި މެސީ އަށް ވަނީ ހިލޭ ޖެހުންތައް ގޯލަކަށް ބަދަލުކޮށްލަން އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ދެވަނަ ހާފު ފަށައިގެން ޕީއެސްޖީ އަށް މާ ރަނގަޅަށް ނުކުޅެވުނެވެ. އޭގެ ފައިދާ ނަގައި ހާފު ފެށިގެން ދެ މިނިޓު ތެރޭ ނީސް އިން އެއްވަރު ކުރި އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސް އާއި ނޯޑީ މުކިއެލޭ އަށް ވެސް ދިފާއު ނުކުރެވުމުން އެއްވަރު ކުރި ލަނޑު ޖަހައިދިނީ ފާ ޕޯސްޓުގައި ހުރި ގައިޓަން ލަބޯޑޭއެވެ.

މެޗުގެ ފަހު 30 މިނިޓަށް އެމްބާޕޭ ކުޅެން ނުކުތީ އެކިޓިކޭގެ ބަދަލުގައެވެ. ޕީއެސްޖީ މޮޅުކޮށްދިން ލަނޑު އެމްބާޕޭ ޖެހީ، މެޗުގެ 83 ވަނަ މިނިޓުގައި މުކިއެލޭ އޭރިއާ ތެރެއަށް ވަދެ، ތިރިތިރިން ގޯލު ކުރިމައްޗަށް ދިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މި މޮޅާ އެކު ޕީއެސްޖީ އެއްވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޕޮއިންޓް މަދުން، ދެވަނައިގައި އޮތީ މާސޭއެވެ. މާސޭ ވަނީ މި ހަފްތާ 3-0 އިން އޯޖާސް ބަލިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *