އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމި 100 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފިއެވެ.
މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ މި އެހީ ދިނުމުގެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑްއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.
އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިތުރު 100 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ނިންމާފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ޤައުމުގެ ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުމަކީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމާއި، ޢާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރަމްޒުކޮށްދޭ އެއްބަސްވުމެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
The Maldives and India exchange agreement for USD 100 million Line of Credit to assist and facilitate ongoing key infrastructure projects in the Maldives. India continues to support the long-term development and progress of the Maldives. pic.twitter.com/BSZzGnWGST
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 2, 2022
މި ރަސްމިއްޔާތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ގަނެފައިވާ އުޅަނދެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ވަނީ ޙަވާލުކޮށްފައެވެ. މި އުޅަނދު ކަރެކްޝަނަލް ސަރވިސްއާއި ޙަވާލުކުރުމުގެ ރަމްޒީ ޓޯކަން އިންޑިއާ ސަރުކާރުގެ ފަރާތުން ޙަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. އަދި ކަރެކްޝަންގެ ފަރާތުން ޓޯކަންއާއި ޙަވާލުވެވަޑައިގަތީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފާއެކު ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައްވެސް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ފޮރިން ސެކްރެޓަރީވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
Vessel procured under Indian Grant Assistance was handed over to @CorrectionsMv today. This generosity of the Indian Government will greatly assist Correctional Officers in serving the community more efficiently. pic.twitter.com/h0hRE0m8eF
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 2, 2022
މި ރަސްމީ މަޝްވަރާގައި ދެ ޤައުމުގެ ފޮރިން ސެކްރެޓަރީން ވަނީ އިޤްތިޞާދީ ދާއިރާއިން ލިބުނު ކާމިޔާބު އެއްބާރުލުމާއި، އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްސް ސްކީމްގެ ދަށުން ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ މިންވަރާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، މަލްޓިލޭޓަރަލް އެންގޭޖްމަންޓްސް އަދި ކޮންސިއުލަރ އެފެއާޒްއާ ގުޅުންހުރި ކަންކަމާގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފް ވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތުކަމާއި، ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ