ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ކައިވެނި ކުރީ 2018 ވަނަ އަހަރު އިޓަލީގައިއެވެ.
މި ޖޯޑަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ. މިއީ އެކަކު އަނެކަކާއި ގުޅޭ، އަދި ވަރަށް ލޯބިން އެކަކު އަނެކަކަށް އަޅާލާ ދެތަރިން ކަމަށް މަޝްހޫރު ތަރިންނެވެ.
ނަމަވެސް މިހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށް އެންމެ ފަހުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހަމަ އެހެންމެ މިހާރު ދީޕިކާ އާއި ރަންވީރުގެ ކައިވެނި އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ދެތަރިންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކުއްލިއަކަށް ވަކިވާން ނިންމި ކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރިފައެވެ. އަދި އެއާއެކު އެގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެފައިވެއެވެ.
މިވާހަކަތަކެއް ދެކެވެން ފެށީ ދާދި ފަހުން ދީޕިކާ އެއާޕޯޓުން ފެނުނު އިރު، އޭނާގެ ވައަތުން އާންމުކޮށް ފެންނަ ކައިވެނީގެ އަނގޮޓި ނެތްކަން ފާހަގަކޮށް، އެކަމާ އެތައް ސުވާލެއް އުފައްދާފައެވެ. އެއާޕޯޓުން އޭނާ ފެނިގެން ގޮސްފައި ވަނީ އޭނާގެ މަންމަ އާއެކުގައިއެވެ. އަދި ދީޕިކާ ހުރީ ވަރަށް އުފަލުންނެވެ. މީގެ އިތުރުން ޕަޕަރާޒީންނަށް ފޮޓޯ ނެގުމަށްވެސް ފުރުސަތު ދިނެވެ.
ދީޕިކާ އާއި ރަންވީރުގެ 10 އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެއީ އެއްވެސް ހަގީގަތެއް ނެތް ފޭކް ޚަބަރެކެވެ. އަދި މިކަމާއި ގުޅޭގޮތުން އެދެމީހުން ކުރެ އެކަކުވެސް އަދި މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.
ދީޕިކާ އާއި ރަންވީރު މިހާތަނަށް އެކީގައި ހަތަރު ފިލްމެއްގައި މަސައްކަތްކޮށްފައި ވެއެވެ. އެއީ ކައިވެނީގެ ފަހުން އެކީގައި ކުޅުނު އަދި މިދިޔަ އަހަރު ނެރުނު "83″ ގެ އިތުރުން 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބާޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް ލީލާ" އެވެ.
ކޮމެންޓު ފޮނުވާ