ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ޙަރަކާތް ރެކޯޑްކާމިޔާބުކޮށް، ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
"ނޭވާ 2″ގެ ނަމުގައި ކްރޮސް ރޯޑްސްގައި ކުރިއަށްގެންދިޔަ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރި "ނޭވާ 2″ ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެކެވެ. މިޙަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއްވަގުތެއްގައިވަނީ ކުރިއަށްގެންގޮސްފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިފަރާތްތައް ހިމެނޭހެން 459 މީހަކު ބައިވެރިވެފައިވާއިރު ރިކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނިޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 455 މީހަކަށެވެ. މިއާއެކު "ގިނީސް ވޯލްޑް ރެކޯޑް"އިން ކަނޑައަޅާފައިވާ މިންގަނޑުން ރާއްޖެ މިވަނީ އެންމެ ގިނަ މީހުން އެއްފަހަރާ، އެއް ވަގުތެއްގައި ކަނޑުއަޑީގައި ވަކިވަގުތެއް ހަމަވަންދެން ނޭވާ ހިފަހައްޓާލައިގެން ޤާއިމްކުރުމުގެ ރެކޯޑް ޤާއިމްކޮށްފައެވެ.
މިޙަރަކަތާއި ގުޅޭގޮތުން ފްރީޑައިވްގެ ފަރާތުން މުޙައްމަދު ފާރިޙް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ރިކޯޑެއްކަމަށެވެ. އަދި ގިނީސް ވޯލްޑް ރިކޯޑަށް މި ޙަރަކާތް އެރުވުމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ހެކި ހުށައަޅާނެކަމަށް ފާރިޙް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް މިއީ ރިކޯޑެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފާރިޙް ވިދާޅުވިއެވެ.
2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މީގެ ފުރަތަމަ ޙަރަކާތުގައި ރާއްޖެއިންވަނީ ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ.