ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި ސިޔާސީ މަޤާމު އުފެއްދުމަށް 300 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނުމަކީ އިޤްތިޞާދު ހިންގުން ނޫންކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަށް ކުރިމަތިވެފައިވާ ބޮޑެތި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް ޞާލިހު މިއަދު ވިދާޅުވެފައިވަނީ އަންނަ އަހަރުގައި އިޤްތިޞާދީ މަސައްކަތް ހުއްޓާލުމަކީ ޤައުމު ހިންގުމަށް އެޅިގެންދާނެ ހުރަހެއްކަމަށެވެ. ޚާއްސަކޮށް ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކާއި، އެނޫންވެސް މަޝްރޫޢުތައް ހުއްޓާލައިފިނަމަ އިޤްތިޞާދަށް ލޮޅުން އަރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހުގެ މިވާހަތަކާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އިޤްތިޞާދު ހިންގުމަކީ ކޮބައިކަމާއި، އަދި ވަކިން ޚާއްސަކޮށް ދައުލަތުން ފޮނުވާފައިވާ ބަޖެޓާއި އޮތް ބީރައްޓެހިކަން އެމަނިކުފާނުގެ ވާހަތަކުން ހާމަވެފައިވާކަމަށެވެ. އިޤްތިޞާދު ހިންގުމުގެ ނަމުގައި ސިޔާސީ މުވައްޒިފުން އުފެއްދެވުމަށް ދައުލަތުގެ ބަޖެޓުގައި 300 މިލިޔަން ރުފިޔާ އިތުރަށް ޖެހުމަކީ އެކަމުން ރައްޔިތުންނަށް މަންފާ ކުރާނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިކަމަކީ ސިޔާސީ ނުފޫޒާއި ބާރުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބް ކާމިޔާބް ކުރުމަށް ކުރައްވާ ޤައުމަށް ގެއްލުންބޮޑު ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
އިޤްތިޞާދު ހިންގުމަކީ ރައީސް އޮފީސް ހިމެނޭ ގޮތަށް ފަސް މިނިސްޓްރީގެއެއްގެ އިދާރީ ޚަރަދު އާންމު އަހަރުތަކަށްވުރެއް 300 މިލިޔަން ރުފިޔާ ބޮޑުކޮށް، ކައުންސިލް އިންތިޚާބަށް ސިޔާސީ ވަޒީފާތައް ފުނިޖެއްސުމެއްނޫން. ބަޖެޓާއި، ރައީސް ޞާލިހުއާއި، އޮތް ބީރަތްޓެހިކަން ވަރަށް ބޮޑަށް ހާމަވެއްޖެ.
– މުހައްމަދު ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރުގެ ހާލާތު އޮތްގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް އަހަރުގައި މަޝްރޫޢުތައް މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. މިކަންކަމަށް ރިޢާޔަތްކޮށް ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭއިންވެސް ވަނީ މަޝްރޫޢުތައް އަންނަ އަހަރު މަޑު ޖައްސާލުމަށް ސަރުކާރަށް ލަފާދެއްވާފައެވެ. ނަމަވެސް މިއަދު ރައީސް ޞާލިހުގެ ވާހަކައިން މިފަދަ އެއްވެސް ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދެއްވާކަން ހަމަވެފައިވަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި މިމަސައްކަތް ކުރުމުގައި ބޮޑެތި ލޯނުތައް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 82 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މަލީ ކަންކަން ހިންގުމުގައި ގެންގުޅެމުންދާ ދޯހަޅި ސިޔާސަތަށް ސަރުކާރުގެ ތެރެއިންނާއި، ސަރުކާރުގެ ބޭރުން ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވާއިރު ރައީސް ޞާލިހުގެ ޒަމާންވީ އެކުވެރިޔާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މިބަޖެޓަކީ "ޅޮސް" ބަޖެޓެއްކަމަށެވެ. އަދި މިބަޖެޓަކީ ވޯޓު ދެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ ވޯޓު ދެއްވާނެ ބަޖެޓެއް ނޫންކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ