ލަންކާއަށް އެހީ ހޯދައި ދިނުމުގެ ބައްދަލުވުމަށް ނަޝީދު ފުރާވަޑައިގެންފި

ލަންކާއަށް އެހީ ހޯދައި ދިނުމުގެ ބައްދަލުވުމަށް ނަޝީދު ފުރާވަޑައިގެންފި

ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކާ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

ސްރީލަންކާއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށް މަންދޫބެއްގެ ގޮތުގައި ސްރީލަންކާ ސަރުކާރުން ނަޝީދު އައްޔަން ކުރީ މީގެ ހަތަރު މަސް ދުވަސް ކިުރިން މިދިޔަ މެއި މަހުއެވެ. ނަމަވެސް މިހާތަނަށް ނަޝީދުގެ މަސައްކަތުން އެއްވެސް އެހީއެއް ސްރީލަންކާއަށް ލިބުނު ކަމެއް އެނގިފައެއް ނުވެއެވެ.

ރޭ ނަޝީދު ލަންކާއަށް ފުރާވަޑައިގަންނަވާކަން ހާމަކޮށް މަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލަންކާގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސަައްކަތުގެ ތެރެއިން މި ދަތުރުގެ ބޭނުމަކީ ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރެއްވުން ކަމަށެވެ.

ބޭރުގެ އެހީ ހޯދައި ދިނުމަށް މަންދޫބެއްގެ ގޮތުގައި ނަޝީދު އައްޔަން ކުރި ފަހުން އެގައުމުގެ އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިލައިގެން ގައުމު ދޫކޮށް ވަޑައިގަންނަވަން ނަޝީދު މަސައްކަތް ކުރެއްވުމުން ސްރީލަންކާގެ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ނަޝީދަށް އަމާޒުވިއެވެ.

ގޮތަބަޔާ އާއި ދެކޮޅަށް ސްރީލަންކާ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދަނިކޮށް އޭނާ ސްރީލަންކާ އިން ބޭރުކޮށް ރާއްޖެ ގެނެސް، ރާއްޖޭގައި ފޮރުވައިގެން ދެެދުވަހު ބެހެއްޓުމަށް ފަހު ސިންގަޕޫރަށް ފުރުވާލުމުގައި ނަޝީދުގެ ދައުރެއް އޮތެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށްވަނީ ބޮޑު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައިވެސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

ކޯވިޑް-19ގެ ސަބަބުން ސުރީލަންކާގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުންނާއި ޓެކްސް ނެގުން މަދުކުރުމުގެ ސަބަބުން އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެއާއެކު އެ ޤައުމަށް ބޭނުންވާއި ގޭހާއި ތެލާއި ކާބޯތަކެއްޗާއި ބޭސް ގަތުމަށް ބޭރުގެ އިދާރާތަކާއި ޤައުމުތަކުގެ މާލީ އެހީތެރިކަމަށް އެދުމަށްވަނީ މަޖުބޫރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *