ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއި އެކު މަސްކިރާ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމާއި އެހެން ގިނަ ދަތިތަކެއް މަސްވެރިންނަށް ކުރިމަތިވެފައި ވާތީ ކަންބޮޑުވުން ފާޅުކޮށް، އެކަންތައްތައް ހައްލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަަޅައިފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް ހަތަރު މެމްބަރުން އަދި ވަކި ކޮޅަކަށް އެއް މެެމްބަރަކު ވޯޓެއް ނުދެއްވިއެވެ.
މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، މަސްގަންނަ މިންވަރު ލިމިޓް ކޮށްފައި ވާތީ މަސްވެރިން ގަދަ އަވީގައި ކަނޑުމަތީ ދުއްވައިގެން މަސްވެރިން ބާނާ މަސްކޮޅު ކިރުވަން އެތައް ދުވަހަކު ކިޔޫގައި މަޑުކުރަންޖެހޭ ކަމަށެވެ. އަދި ދޯނިތަކުން ބާނާ މަހުގެ 90 އިން ސައްތަ އަގު ނުލިބި ބަހާލަން ޖެހުމާއި، މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސް ނުލިބޭތީ އައިސް ކިޔުއާއި ތެޔޮ ކިޔުއާއި މަސްކިޔުގައި ރެ އާ ދުވާލު ތިބެތިބެ މަސްވެރިން ގޮތް ހުސްވެފައިވާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ފުރަތަމަ ފުރުސަތުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާ މިއަދު މަޖިލީހުގައި ކުރި ސުވާލުތަކަށް އޭނާ ދެއްވީ 2019 ވަނަ އަހަރު ވެސް ދެއްވި ޖަވާބުތައް ކަމަށެވެ.ކޮންމެ އަހަރަކު ދެ ފަހަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާކަން ސަރުކާރަށް އެނގޭ ކަމަށާއި އެހެން ނަމަވެސް މަސްވެރިންނަށް ހުރި މައްސަލަތަކަށް އެއްވެސް ހަލެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަސްވެރިންނަށް ދޫކުރާ ތެލުގެ މިންވަރުވެސް ލިމިޓް ކޮށްފައިވާތީ އެކަމުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަށް ދަތިތަކެއް ކުރިމަތިވެ ރެއާއި ދުވާލު ދާއޮހޮރުވައިގެން ބާނާ މަސްކޮޅުން މަންފާއެއް ނުލިބުމަކީ ހުރިހާ މަސްވެރިން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަ. މިފްކޯގެ ދަރަނި ބޮޑުވެ މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭ.
– ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޯޓުފަހަރު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިފަދަ ބޯޓުފަހަރު ރާއްޖޭގެ ސަރަހައްދުން ދާޖަހައިގެން މަސްވެރިކަން ކުރަމުންދާއިރު ފިޔަވަޅު ނޭޅޭތީ އާއި އަދި ވަކި ގައުމެއް ގެ ބޯޓުތަކަށް ސަރުކާރުން ފިޔަވަޅު އަޅަން ފަސްޖެހޭތީ އާއި، މިކަންކަން ތަކުރާރުވަމުން ދިއުމުގެ ސަބަބުން މަސްވެރިން ގޮތްހުސްވެފައިވާ ކަން ވެސް ފާހަގަ ކުރެއްވިއެވެ.