އިލްހާމް، ސައީދަށް: އަމިއްލަ ވެރިކަމުގައި މަސްވެރިންނަށްވީ ކޮންވައުދެއްތޯ ފުއްދުނީ؟

އިލްހާމް، ސައީދަށް: އަމިއްލަ ވެރިކަމުގައި މަސްވެރިންނަށްވީ ކޮންވައުދެއްތޯ ފުއްދުނީ؟

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މިއަދު މަސްވެރިންގެ ވައުުތަކުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއްކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު އަނެއްކާވެސް ތިޔާގި ވެފައިވާއިރު މަސްވެރިން ބާނާ މަސްކޮޅު ކިރާލެވޭނެ ގޮތެއް ނެތުމާއި މަހަށް ހަމަ އަގު ނުލިބުމަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މިމައްސަލާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މަސް ކިރުމަށްފަހު ފައިސާ ނުދެވިގެން އުޅެނީ ކީއްވެގެންތޯ އެހުމުން ބުނަނީ ކޯލިޝަންގައި ފިޝަރީޒް މިނިސްޓްރީ ލިބިފައިވަނީ ޖުމްހޫރީ ޕާޓީއަށް ވާތީ ކަމަށެވެ.

ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސްގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތައް މިއަދާ ހަމައަށް ވެސް ވައުދުވަމުންދާ ކަމަށާއި އެގޮތުން މަސްބާނާ ދޯނިތަކުން ބާނާ މަސް ކަނޑަށް އަޅަން ނުޖެހި މަސްކިރާލާ ތަނުން ފައިސާ ދޭނެ ކަމަށާއި އަދި ފައިސާ ދޭނީވެސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވުރެ އިތުރަށް ކަމަށެވެ.

ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވައި އިލްހާމް ވިދާޅުވީ މަސްވެރިކަމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ވާހަކަ ދައްކާއިރު އަމިއްލަ ވެރިކަމުގައި އަމިއްލަ ބާރު އޮތް ދުވަސްވަރު މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މިއަދު މަސްވެރިންގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއްކަމަށެވެ.

ވެރިކަމުގެ އާރާބާރު ލިބި، މަޖިލިސްގެ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުތައް ބަދަލްކޮށް، ދައުލަތުގެ ނަމުގައި ބޮޑެތި ބިޔަ ލޯންތައްނަގައި، ހިތުހުރިގޮތަކަށް ޚަރަދުކޮށް، މަސްވެރިންއަށްވީ އެއްވެސް ވަޢުދެއް ނުފުއްދާ، އިންތިޚާބު ބޯމަތިވީމަ މިއަދު ތި ޕްލޭ ކުރަނީ ކޮންސީޑީ އެއްތޯ.

– އިލްހާމް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިންނަށް ކޮންމެ ސަރުކާރަކުންވެސް ވަނީ ބޮޑެތި ވައުދުތައް ވަމުންނެވެ. ނަމަވެސް ވައުދުތައް ފުއްދުމުގައި ކޮންމެ ސަރުކާރަކުންވެސް ފަސްޖެހި ދައުރު ހަމަވާއިރުވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.