ޔޫއެންގައި މިހާރު ފެށިގެން ކުރިޔަށްދާ، ޔުއެން ޖެނެރަލް އެސެމްބްލީގެ 77 ވަނަ ސެޝަންގައި ވަހަކަ ދައްކަވަމުން، ދުނިޔޭގެ ގައުމުތަކުގެ ވެރީން، ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާން ކުށްވެރި ކޮށްފިއެވެ.
ޖެނެރަލް އެސެމްބްލީގެ 77 ވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން ޖާމަނީ އަދި ފްރާންސުންވަނީ ރަޝިއާގެ ރައީސް ލާޑިމިރް ޕުޓިންގެ "އިސްތިއުމާރީ ސިޔާސަތު" ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ގަތަރާއި ސެނެގާލް އަދި ތުރުކީންވަނީ ވަގުތުން ވަގުތަށް މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފައެވެ. ލިތުއޭނިއާއިން ވަނީ، ރަޝިއާއިން ހިންގާފައިވާ ހަނގުރާމާއިގެ ޖަރީމާތައް ތަހުގީގް ކުރުމަށް ޚާއްސަ ޓްރައިބިއުނަލްއެއް އުފެއްދުމަށް ގޮވާލާފައެވެ.
ނިއުޔޯކުގައި ހުންނަ ޔޫއެންގެ ހެޑްކުއާޓަރުގައި ވާހަދައްކަވަމުން ޖާމަނީގެ ޗާންސެލަރ އޮލާފް ޝޯލްޒް ވިދާޅުވެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހު ޔޫކުރެއިންއަށް ރަޝިއާއިން އަރައިގެންފައިވަނީ އެއްވެސް އުޒުރެއް އޮވެގެން ނޫންކަމުގައެވެ. "މިއީ އެންމެ ސާފުބަހުން ބުނާނަމަ، އިސްތިއުމާރު ކުރުން،" އޮލާފް ޝޯލްޒް ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހަނގުރާމައަކީ ހަމައެކަނި ޔޫރަޕަށް ކުރިމަތިވެފައިވާ ކާރިސާއެއް ނޫންކަމަށާއި، މިއީ މުޅި ދުނިޔޭގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ.
މިހާރު ކުރިޔަށްދާ ޔޫއެން ޖެނެރަލް އެސެމްބްލީއަކީ، ކޯވިޑް19އަށްފަހު ދުނިޔޭގެ ލީޑަރުން ޔޫއެންއަށް ހާޒިރުވެ ތިބެ ބާއްވާ ފުރަތަމަ ބައްދަލު ވުމެވެ. އަދި މި ބައްދަލުވުން ކުރިޔަށް މިދަނީ ޔޫކުރެއިން ހަގުރާމާގައި ރަޝިއާއަށް ބޮޑެތި ނާކާމިޔާބީތަކެއް ލިބެމުން ދަނިކޮށްވެސް މެއެވެ. ޔޫކުރެއިން ހަނގުރާމަ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ދެވަނަ ބޮނޑު ހަގުރާމައިގެ ފަހުން ޔޫރަޕްގައި ހިގަމުންދާ އެންމެ ބޮޑު ހަގުރާމަ ކަމުގައެވެ. މިހަގުރާމައި މިހާތަނަށް އައިއިރު އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކަށް ވަނީ ގެދޮރު ގެއްލިފައެވެ.
އެމެރިކާގެ ރައީސްއާއި ޖޯ ބައިޑްންއާއި، ޔޫކުރެއިންގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީ ޔޫއެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.
މި ފަހަރުގެވެސް ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމަށް ރަޝިއާގެ ރައީސް ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ ވަޑައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ