މަސްވެރިންނާއިމެދު މިސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ގިނަ މަސްވެރިން މިސަރުކާރަކީ "ތިން ކިއު ސަރުކާރު" ކަމަށް ގަބޫލު ކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވެ މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.
މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނުވެސް ދަނީ ބާނަމުންނެވެ. އެތައް އިރަކު މަޑުކުރުމަށްފަހު ކިރުވާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި ޗިޓު ކޮޅު ދޭކަމީވެސް މަސްވެރިންގެ އޮތް ބޮޑު ޝަކުވާއެކެވެ.
މިކަމާއި ގުޅިގެން މިއަދު މަޖިލީހުގައި ޝިޔާމް ވިދާޅުވީ މިސަރުކާރުން މަސްވެރިންނާއިމެދު އަމަލު ކުރަމުންދާ ގޮތުން މަސްވެރިން ވަރަށް ބޮޑަށް މާޔޫސްވެ އުންމީދު ކެނޑިފައިވާކަމަށެވެ. މަސްވެރިންނަށް ވީއެއްވެސް ވައުދެއް ނުފުއްދި ބާނާ މަސްކޮޅު ކަނޑަށް އުލާން ޖެހުމަކީ މަސްވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިން އެބަކިޔާ މީ '3 ކިޔޫ ސަރުކާރޭ'. އަހާލީމަ ބުނަނީ އެއީ މަސްކިރާކިޔޫއާ އައިސް ކިޔޫއާ ތެޔޮ ކިޔޫކަމަށް. ކިޔޫތަކުގައި 5 ދުވަސް ހޭދަވާކަމަށްބުނޭ. މަސްކިރިީމަ ދޭންބުނި ރުފިޔާގެ ގެ ބަދަލުގައި ލިބެނީ މުއްދަތު ފައިސާގެ ޗިޓެއްކަމަށް. އަދި ރަނގަަޅަށް މަސްބާނަންފެށީމަ ވާނެ ގޮތެއް ނޭނގޭ.
– ޝިޔާމް މިއަދު މަޖިލީހުގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.
މަސްވެރިން އެބަކިޔާ މީ '3 ކިޔޫ ސަރުކާރޭ'. އަހާލީމަ ބުނަނީ އެއީ މަސްކިރާކިޔޫއާ އައިސް ކިޔޫއާ ތެޔޮކިޔޫކަމަށް. ކިޔޫތަކުގައި 5 ދުވަސް ހަޭދަވާކަމަށްބުނޭ. މަސްކިރިީމަ ދޭންބުނި $ ގެ ބަދަލުގައި ލިބެނީ މުއްދަތު ފައިސާގެ ޗިޓެއްކަމަށް. އަދި ރަނގަަޅަށް މަސްބާނަންފެށީމަ ވާނެ ގޮތެއް ނޭނގޭ!! pic.twitter.com/GHOaOAtkjE
— Ahmed Shiyam (@Shiyamaldives) September 19, 2022
މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބޭނުމަކީ މީގެ ކުރިންވެސް މަސްވެރިކަމުގެ މޫސުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަށް ހައްލެއް ގެނައުމަށް ބާނަމުންދާ ހުރިހާ މަސް ގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ބޭރުގެ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.
އަދި މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަސްވެރިކަން ރަނގަޅުވެ މަސްވެރިން ބާނާ މަސްނުކުރިގެން އުޅޭއިރުވެސް ސަރުކާރުން މިކަމަށް މާބޮޑު ސަމާޅުކަން ދޭތަނެއް ނުފެނެއެވެ.