މާޅޮހު ބަނދަރުގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެ

މާޅޮހު ބަނދަރުގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެ

އއ.މާޅޮހު ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިމަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

މާޅޮހުގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިވާ 300 ފޫޓުގެ ބަނދަރެކެވެ. އެރަށަކީ ގާމަތީ ރަށަކަށްވުމާއެކު، މިހާރު މިބަނދަރު އޮތްގޮތުން ކަނޑުގަދަ ދުވަސްވަރު ބަނދަރަށް ވަދެނުކުމެ ހެދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް މާޅޮހު ކައުންސިލާއި ރައްޔިތުން ފާހަގަކުރެއެވެ.

މާޅޮހުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 5 ދުވަހުއެވެ.

މާޅޮހު ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ 65 އިންސައްތަ މަސައްކަތް ނިންމާފައެވެ. އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީން ވަނީ ބުނެފައެވެ.

މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 56.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *