އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މަޤާމުން ވަކި ކުރުމަށް މަޖިލީހަށް މައްސަލައެއް ވައްދަން ނޫޅުއްވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ފައްޔާޒުއާއި ގުޅޭގޮތުން ކުރެވުނު މަސައްކަތަކީ ޕާޓީތެރޭގައި ކުރެވުނު މަސައްކަތެއް ކަމަށެވެ. މަޖިލިސް ތެރެއިން ފައްޔާޒުގެ އިތުބާރު އޮތްކަމުގެ މައްސަލައެއް ވައްދާކަށް މަަސައްކަތް ނުކުރައްވާކަމަށެވެ. މަޖިލިސް ރައީސް މިހެން މިއަދު ވިދާޅުވިނަމަވެސް މީގެކުރިން މަޖިލިސް ރައީސް ވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ފައްޔާޒު ވަކިކުރުމަށް، މަޖިލީހަށް ކަމެއް ލާކަށް ނޫޅެއް. އަޅުގަނޑުމެން ކުރީ އެތެރޭގެ ބަހުސްއެއް. އެއީ އެމްޑީޕީގެ އެތެރޭގައި ހިންގާނެ ކަންކަން. ވަކި ވަޒީރަކީ ރުހޭތޯ ނުރުހޭތޯ ކަނޑައަޅައި އެބަހުސް ކުރާނެ. އެއީ ޕާޓީ ދެކޭ ގޮތް ބެލުމަށް.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒަކީ މިސަރުކާރުގެ "ބްރޯ" ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ބުނެފައެވެ. އަދި އެމަނިކުފާނު ދަނީ ސަރުކާރުގެ ތެރޭގައި އަތްދަގަކޮށް ބާރުތައް ނަގަމުންކަމަށްބުނެ މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން މަޖިލިސް ތެރެއިން ނެގުމަށް ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމަަސައްކަތާއި ދެކޮޅަށް ރައީސް ޞާލިހު ނިކުމެ ވަޑައިގެން ވަނީ މިނިސްޓަރަ ފައްޔާޒު ދިފާއު ކުރައްވާފައެވެ.
މިނިސްޓަރ ފައްޔާޒް އިސްމާއިލްއަކީ މިސަރުކާރުގެ ވައުދުތައް ފުއްދުމުގަޔާއި، ތަންފީޒީ މަރުހަލާގައިވެސް އެންމެބުރަކޮށް މަސައްކަތް ކުރައްވާ އެއްވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް19ގެ ހާލަތުގައިވެސް ދިމާވި މައްސަލަތައް ހައްލުކޮށް ދެއްވުމުގައި މިނިސްޓަރ ފައްޔާޒު ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ