އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުރިން ކުޅުނު ޖަރުމަނުގެ ގޯލްކީޕަރޮ ލޮރިސް ކެރިއަސް ނިއުކާސަލް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ނިއުކާސްލްއިން ކޭރިއަސް ގެންގޮސްފައިވަނީ ގޮތް ބެލުމުގެ ގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށެވެ. ނަމަވެސް އޭނާގެ ކުޅުން ރަނގަޅުނަމަ މިސީޒަން ނިމެންދެން ބެހެއްޓުމުގެ ފުރުސަތު އެބައޮތެވެ.
އުމުރުން 29 އަހަރުގެ ކޭރިއަސް މިދިޔަ ސީޒަނާއެކު ލިވަޕޫލުން ދުކޮށްލާފައިވުމުގެ ސަބަބުން މިހާތަނަށް ހުރީ ކްލަބެއް ނެތި ފްރީ އެޖެންޓެންގެ ގޮތުގައެވެ. ނިއުކާސްލްއިން ކޭރިއަސް ގެންގޮސްފައިމިވަނީ އެޓީމްގެ ބެކަޕް ކީޕަރ ކަރލް ޑާލޯއަށް އަނިޔާވެފައިވުމުގެ ސަބަބުންނެވެ. އަދި އެ ޓީމްގެ ކުރީގެ އެއްނަންބަރު ކީޕަރ މާޓިން ޑުބްރަވްކާ ވަނީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ.
ނިއުކާސަލްއަށް ސޮއިކުރުމަށްފަހު ކޭރިއަސް ބުނީ އެ ޓީމަށް ބަދަލުވުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށާއި އާ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ. ނިއުކާސަލްގެ ކޯޗް އެޑީ ހޯވް ހާމަކުރިގޮތުގައި ކޭރިއަސްއަކީ ޕްރިމިއަރ ލިގުގެ އިތުރުން ޔޫރަޕްގެ ތަޖްރިބާހުރި ރަނގަޅު ކީޕަރެއް ކަމަށެވެ. އޭނާ މިދިޔަ ސީޒަނާއި ހަމައަށް ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ނަމަވެސް ވޭތުވެދިޔަ ތިން އަހަރު އޭނާ ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުންތަކުގެ ދަށުން ބެސިކްޓަސް އާއި ޔޫނިއަން ބަރލިންގައެވެ.
ކޭރިއަސް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި މެޗްގައި ލިވަޕޫލްގެ ގޯލަށް ވަން ތިން ގޯލްގެ ތެރެއިން ދެގޯލް އޭނާ ހެދި ގޯސްތަކެއްގެ ސަބަބުން ވަނުމުންނެވެ. އަދި ފަހުން ހާމަވެގެންދިޔަ ގޮތުގައި އޭނާ އެ މެޗް ކުޅެފައިވަނީ މުޅިން ފިޓްކޮށް ހުރެގެނެއް ނޫނެވެ.