ޝާހިދުގެ ދައުރުގައި އދ. އާއި ޤައުމުތަކާއި އޮތް ގުޅުން ބަދަހިވެއްޖެ: ރައީސް

ޝާހިދުގެ ދައުރުގައި އދ. އާއި ޤައުމުތަކާއި އޮތް ގުޅުން ބަދަހިވެއްޖެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2022 11:54
0

އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންއަކީ އދ. އާއި ޤައުމުތަކާއި، ގުޅުން އިތުރަށް ހަރުދާނާ ވެގެންދިޔަ ކާމިޔާބު ސެޝަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީޙުގެ ރިޔާސަތު ބަލަހައްޓަމުން ގެންދެވި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުރު ހަމަވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. އދގެ ޢާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ފާއިތުވެދިޔަ އެއް އަހަރު ޝާހިދު އަދާކުރައްވާފައިވާ ދައުރާ ކުރައްވާފައިވާ މަސައްކަތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ވިދާޅުވެ ޝުކުރު ދަންނަވާފައެވެ. ޝާހިދުގެ ރިޔާސަތުގައި އދ. އާއި ޤައުމުތަކާއި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެ، ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ.ގެ 76 ވަނަ ސެޝަންގެ ރިޔާސަތު ދިވެހި ރައްޔިތަކު ބަލަހައްޓަވަމުން ގެންދެވިކަމީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާކަމަށް ރޭ ދެއްވި ވަދާއީ ތަގުރީގުގައި މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުވެސްމެއެވެ.

އދ.ގެ ޢާންމު މަޖިލީހަކީ އދ.ގެ މައިގަނޑު 6 ގުނަންތަކު ތެރެއިން އެއް ގުނަންއެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަންވެސްމެއެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި ޢާންމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދ.ގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވައެ.

ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.