ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިސްނަންގަވައިގެން ހައްދުން މަތީ ގައުމުގައި ކުރިއަށް ގެންދިޔަ ވިއަވަތި ކޮންފަރެންސުގައި އިސްލާމިކް މިނިސްޓްރީ ބައިވެރި ނުކުރުމުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ވިއަވަތި ކޮންފަރެންސުގައި އިސްލާމިކް މިނިސްޓްރީ ބައިވެރި ނުކުރުމުން އެކަމަށް ފާޑު ވިދާޅުވެ ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ އަތޮޅު ތެރޭގައި އެންމެ ބޮޑު ޚިދުމަތެއް ދެމުންދާ މުވައްސަސާކަމަށެވެ. އެމުވައްސަސާގެ ބައިވެރިވުން ނެތުމަކީ ކަންބޮޑުވުމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ލާމަރުކަޒީކޮށް ރާއްޖޭގެ އެންމެ ގިނަ މަސައްކަތްކުރާ އެއްވުޒާރާއަކީ އިސްލާމިކް މިނިސްޓްރީ ކަމުގައިވާއިރު، ވިއަވަތި ކޮންފަރެންސްގައި އެ ވުޒާރާގެ ދައުރެއް ނެތީ ކީއްވެތޯ؟ އަތޮޅުތަކާއެކު ހާހެއްހާ މިސްކިތްކުރޭ، ޒަކާތުގެކަން އިންތިޒާމްކުރޭ.
– ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކައުންސިލަރުންނަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެއްގައި ރާއްޖޭގައި ހަރުކަށި ފިކުރު އާލާ ވަމުންދާ ގޮތާއި، އެކަމަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭނީ ޑިފެންސް މިނިސްޓަރާއި ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްޙާދީ ވިސްނުމާއި ހަރުކަށި ފިކުރު މުޅި ރާއްޖޭގައި އާލާ ވަމުންދާކަމަށް ބުނާއިރު މިކަމުގައި ދީނީ ޙައްލާމެދު ތިޔަ ކޮންފަރެންސްގައި ވާހަކަ ދައްކަންޖެހޭނީ ޑިފެންސް މިނިސްޓަރުކަމުގައި ޤަބޫލެއް ނުކުރެވޭ.
– ޝަހީމް ވިދާޅުވިއެވެ.
އިއްޔެ ނިމިގެންދިޔަ ކޮންފަރެންސުގައި ބައިވެރި ވެފައިވަނީ މަދު ވަޒީރުންތަކެކެވެ. އޭގެ ތެރޭގައި ގިނައީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނެވެ.
ކޮމެންޓު ފޮނުވާ