ދެން އޮންނާނީ "ތިލަދުންމަތީ ވިއަވަތި" ކޮންފަރެންސް، އޮންނާނީ ޖެނުއަރީގައި

ދެން އޮންނާނީ "ތިލަދުންމަތީ ވިއަވަތި" ކޮންފަރެންސް، އޮންނާނީ ޖެނުއަރީގައި

Author
ހުސެއިން
12 ސެޕްޓެމްބަރ 2022 07:11
0

ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި ކައުންސިލްތަކަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ދެނެގަނެ، ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް އަމާޒު ކޮށްގެން ވާއްވަމުން އަންނަ ވިއަވަތި މަހާސިންތާގެ ދެން އޮންނަ ބައްދަލުވުން ތިލަދުންމައްޗަށް ޚާއްސަކޮށް، މި ބައްދަލުވުން އަންނަ އަހަރުގެ ޖެނުއަރީމަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިކަން އިއުލާން ކުރެއްވީ މިއަދު ނިމުނު، މާލޭގެ ދެކުނުގެ 5 އަތޮޅާއި ދެ ސިޓީއަކަށް ޚާއްސަ ކޮށްގެން ލ. ގަމުގައި ބޭއްވި ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއެވެ. ރައީސް ސާލިހު ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ވިއަވަތި ކޮންފަރެންސްއަކީ ރާއްޖޭގެ އެންމެ އުތުރަށް ޚާއްސަކޮށްގެން ބާއްވާ ކޮންފަރެންސްއެއް ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ، ފާއިތުވެދިޔަ ތިން ކޮންފަރެންސްއަކީވެސް ވަރަށް ކާމިޔާބު ކޮންފަރެންސްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް ކޮންފަރެންސަކީ މިއަށްވުރެވެސް ކާމިޔާބު ކޮންފަރެންސެއްކަމުގައި ވެގެންދާނޭކަމުގައިވެސް ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ރައީސް ސާލިހު ވިދާޅުވީ، މި ކޮންފަރެންސްގައި ބައިވެރިން ބޭނުންވާ ވަރަށް ޚިޔާލު ފާޅުކުރުމަށް ވަގުތު ނުދެވުނު ކަމަށާއި، މިފަހަރުގެ ތަޖުރިބާގެ އަލީގައި ކުރިޔަށް އޮތް ކޮންފަރެންސް އިތުތަށް ފުރިހަމަ ކުރައްވާނޭ ކަމުގައެވެ.

މިފަހަރުގެ ވިއަވަތި ކޮންފަރެންސް ދ. ތ. ލ. ގއ. ގދ. އަތޮޅަށް ޚާއްސަ ކުރެވިގެން ދިޔައިރު، މި ކޮންފަރެންސްގައި މި އަތޮޅުތަކުން ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި، އައްޑޫ އަދި ފުވައްމުކު ސިޓީގެ މޭޔަރުންގެ އިތުރުން  މި ދެސިޓީގެވެސް އަންހެނުންގެ ތަރަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންވެސް ބައިވެރި ވެފައި ވެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އަމާޒު ކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމުގެމަތިން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިކޮންފަރެންސްގައި ރައީސް އޮފީހުގެ އިސް ބޭފުޅުންގެ އިތުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ފަންނީ މާހިރުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.