ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމަށް މިހާރު ކުރިއަށްދާ މަަސައްކަތް ނިމުމާއިއެކު ސަރުކާރުން ދޭ ޢިނާޔަތް، ބޮޑުކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ. ހައްދުންމަތީ ގަމުގައި މިއަދު ނިމިގެންދިޔަ ވިއަވެތި ކޮންފަރެންސު ނިންމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އިނާޔަތްތައް ހަމަޖެއްސުމަކީ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.
މިނިޒާމުވެސް އިތުރަށް ހަރުދަނާ ކުރެވެން އޮތީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަން ފާހަގަކޮށް ރައީސްވަނީ ކައުންސިލްތަކުގެ އެއްބާރުލުން އިޖުތިމާއީ ރައްކާތެރިކަން ގާއިމް ކުރުމުގައި ވީހާވެސް ބޮޑަކަށް ދެއްވުމަށް އެދިވަަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑު ކުރުމަށްޓަކައި، މިހާރު ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ. އެ ނިމުމާއި އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ސަރުކާރުންދޭ ޢިނާޔަތްތައް ބޮޑުކުރުމަށް ރައީސް ނިންމަވާފައިވާއިރު މިޢިނާޔަތްތައް ބޮޑުކުރަންޖެހޭކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްދިވްސްއިންވެސްވަނީ ފާހަގަކުރައްވާ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
އެގޮތުން މިފަދަ ޢިމާނަތްތަކަށް އެދޭ ފަރާތްތަކުގެ ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަން މިހާރު ދެމުންދާ އެހީގެ ދަށުން ފުރިހަމަ ނުކުރެވޭކަމަށް އެޗްއާރްސީއެމުންވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި 36000 އަށްވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުން އަންނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިފަރާތްތަކަށް މިހާރު ދެމުން އަންނަނީ 2000 ރުފިޔާގެ ޢިނާޔަތެކެވެ.
ކޮމެންޓު ފޮނުވާ