ވިއަވަތި ކޮންފަރެންސްގައި ނަޝީދަށް ފުރުސަތެއް ނެތް!

ވިއަވަތި ކޮންފަރެންސްގައި ނަޝީދަށް ފުރުސަތެއް ނެތް!

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2022 09:28
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިސްކޮށް ހުންވައިގެން ކުރިއަށް ގެންދަވާ ވިއަވަތި ދަރުބާރުތަކުގައި ލާމަރުކަޒީ ނިޒާމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރި ނުކޮށް ކުރިއަށްގެންދާތީ އެކަން އެމްޑީޕީގެ ބައެއް މެމްބަރުން ފާހަގަ ކުރަން ފަށައިފިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ގައި ގިނަަ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އިއްޔެ ލ.އަތޮޅުގައި ފެށިގެންދިޔަ ވިއަވެތި ކޮންފަރެންސުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ވަޒީރުންނައި، އިސްބޭފުޅުންވެސް ބައިވެރިވެފައިތަން ފެނުނެވެ. ނަމަވެސް މިނިޒާމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއްބޭފުޅާ އެމްޑީޕީގެ ރައީސް ނަޝީދަށް ދައުވަތެއް ނެތެވެ.

ލ.ގަމުގައި ފެށުނު ކޮންފަރެންސުގެ އިތުރުން އޭގެ ކުރިން އއ.އުކުޅަހުގައި ބޭއްވި ވިއަވެތި ކޮންފަރެންސަށްވެސް ނަޝީދަށް ފުރުސަތު ދީފައި ނުވެއެވެ. ނަމަވެސް އެންމެ ފުރަތަމަ ބޭއްވުނު ލާމަރުކަޒީ ސިޔާސަތުގެ ފޯރަމްތަކުގައި ރައީސް ނަޝީދާއި، ކޯލިޝަން ލީޑަރުންނަށްވެސް ވަނީ ފުރުސަތު ދީފައެވެ.

މިފަހުން ކޮންފަރެންސްތަކުން ރައީސް ނަޝީދަށް ފުރުސަތު ދީފައި ނުވަނީ ރައީސް ނަޝީދާއި ރައީސް ޞާލިހާއިމެދު ސިޔާސީ ވާދަވެރިކަން ބޮޑުވެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަމުގައި ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މި ކޮންފަރެންސުގެ އިތުރުން ސަރުކާރުން ހިންގާ ތަފާތުއެކި ރަސްމިއްޔާތުތަކައި ޕްރޮގުރާމުތަކަށްވެސް މީގެ ކުރިން ރައީސް ނަޝީދަށް ފުރުސަތު ލިބުނު ނަމަވެސް މިހާރު އެފުރުސަތު އެއްގޮތަކަށްވެސް ނުދެއްވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އެމްޑީޕީގެ ތެރޭގައިވެސް މިހާރު އޮތް އެންމެ ބޮޑު ވާދަވެރިކަމީ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް މިހާތަނަށް ނިންމާފައި ނުވެއެވެ. ނަމަވެސް އެޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓަށް ޝައުގުވެރިވާކަން ބައެއް ބޭފުޅުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެންމެފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެމްޑީޕީގެ އަމާޒު ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ވާތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަން މީގެ ކުރިން ދެ ފަހަރެއްގެ މަތީން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށެވެ. ނަމަވެސް އެމްޑީޕީގެ ކޮންގްރެސްގައިވެސް މިމަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ނަޝީދު ކިތައްމެ ރަނގަޅު ކަމެއް ކޮށްފައި އޮތަސް ﷲ އަށް ގޮންޖަހައި ރަސޫލާ(ޞޢވ) އަށް ފުރައްސާރަ ކުރީމާ ރަނގަޅު ކަން ފޮހެވޭނެ....ސަލްމާނު ރުޝްދީ ވަރަށް ގިނަ މީހުންނަށް އެހީވި....ސުވަރުގެއަށްތޯ ދާނީ.