ޗެލްސީގެ ކޯޗަކަށް ބްރައިޓަންގެ ޕޮޓާ

ޗެލްސީގެ ކޯޗަކަށް ބްރައިޓަންގެ ޕޮޓާ

ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގައި ހުރި އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ހަމަޖައްސައިފިއެވެ.

އުމުރުން 47 އަހަރުގެ އިނގިރޭސި ކޯޗު ޕޮޓާ، ބްރައިޓަން ދޫކޮށް ޗެލްސީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީގެ އާ ވެރިންނާ އެކު ފުރަތަމަ ޓްރާންސްފާ ބާޒާރުގައި ރެކޯޑް 255.3 މިލިއަން ޕައުންޑް ހޭދަކުރުމަށް ފަހު ތޯމަސް ޓުޗެލް ޗެލްސީއަށް އިރުޝާދު ދިން 100 ވަނަ މެޗުގައި ބަލިވުމާ އެކު، ޓޮޑް ބޯލީ އިސްވެ ހިންގާ ކޮންސޯޓިއަމުން ޗެލްސީއާ ހަވާލުވިތާ 100 ވަނަ އަށް ވީ ދުވަހު ވަނީ އޭނާ މަގާމުން ދުރުކޮށްފައެވެ.

ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކުރަން، އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓުން ނިންމީ މި ސީޒަން ފެށިއިރު، ޓްރާންސްފާ މާކެޓްގައި 291 މިލިއަން ޑޮލަރު ހަރަދުުކުރުމަށް ފަހު ވެސް ބޭނުންވާ ނަތީޖާތައް ނުނެރެވޭތީއެވެ. ޗެލްސީގެ ވެރިޔާ، އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ، އެ ކްލަބާ ހަވާލުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ހަރަދެއް ޓްރާންސްފާ މާކެޓްގައި ކުރުމަށް ފަހު މި ވަނީ އާ ސީޒަނުގެ ފުރަތަމަ ހަތް މެޗަށް ފަހު ކޯޗު ބަދަލުކޮށްފައެވެ.

ބޯލީ ބުނީ ޕޮޓާ ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ޕްރިމިއާ ލީގުގައި ބްރައިޓަން ގޮވައިގެން އޭނާ ކުރަމުން އަންނަ މަސައްކަތް ރަނގަޅުވުން ކަމަށެވެ. އަދި ޗެލްސީގައި މިހާރު އޮތް މެނޭޖްމަންޓުން ބޭނުންވާ މިސްރާބަށް ކްލަބް ގެންދަން ޕޮޓާ އަށް ބޮޑު ރޯލެއް ކުޅެދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބޯލީ ވަނީ ބުނެފައެވެ.

ޕޮޓާ ޗެލްސީއާ ގުޅުމުން، މި ހަފްތާ ބަންދުގައި ބްރައިޓަން އިން ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައި ބްރައިޓަން އަށް އިރުޝާދު ދޭނީ، އެ ކްލަބްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު އެންޑްރޫ ކްރޮފްޓްސްއެވެ. އަދި އޭނާގެ ކޯޗިން ޓީމުގައި ޓީމުގެ މިޑްފީލްޑަރު އެޑަމް ލަލާނާ ވެސް ހަރަކާތްތެރި ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *