ރާއްޖެއިން ބޭނުންވާ ކޮންމެ ހާލަތެއްގައި އެހީވާން މިތިބީ ތައްޔާރަށް: ޗައިނާ

ރާއްޖެއިން ބޭނުންވާ ކޮންމެ ހާލަތެއްގައި އެހީވާން މިތިބީ ތައްޔާރަށް: ޗައިނާ

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2020 10:38
0

ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެހީތެރިވާން ތައްޔާރަށް ތިބިކަމުގައި ޒަމާންވީ ރާއްޖޭގެ އެކުވެރިޔާ ޗައިނާ އިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް މިއަދު ވިދާޅުވީ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ބައްދަލު ކުރައްވާފައިވާފައިވާ ކަމަށާއި، ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތައް ހާމަކޮށް މިނިސްޓަރަށް ކިޔައި ދިނުމުން އެކަން ބަލައިގެންފައިވާކަމަށެވެ.

ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު އެހީވާ މީހުން. ރާއްޖެ އާއި ޗައިނާއާ ދެެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް، ޗައިނާއިން އަބަދުވެސް އެހީތެރިވާނެ.

– ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް ބުނެފައިވެއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ޗައިނާއިން ބައެއް ލޯނުތައް ފަސް ކޮށްދީފައިވަނީ ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުންކަމަށެވެ. އެއީ ކީވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.

2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަ ވިދާޅުވީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަ ކަމަށެވެ. ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވީ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޯވިޑް-19ގެ ސަބަބުން، ކުރިން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ އާމްދަނީ ދަށްވުމާ ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރު ވެފައި ވާކަމަށް އަމީރު ވިދާޅުވިއެވެ.

މި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.