ސިއްޙީ ހާލުކޮޅު ދަށްވެ، ރާނީ ޑޮކްޓަރުންގެ ބެލުމުގެ ދަށަށް ގެނެސްފި

ސިއްޙީ ހާލުކޮޅު ދަށްވެ، ރާނީ ޑޮކްޓަރުންގެ ބެލުމުގެ ދަށަށް ގެނެސްފި

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ސިއްޙީ ހާލުކޮޅު ދަށްވެ، ޑޮކްޓަރުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރާނީގެ ގަނޑުވަރު ބަކިމްހަމް ޕެލަސްއިން އާންމު ކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާނީގެ ސިއްޙީ ހާލުކޮޅު ޑޮކްޓަރުން ކަންބޮޑުވާ މިންވަރަށް ގޯސްވެފައިވާ ކަމަށާއި، އެހެންކަމުން ޑޮކްޓަރުންގެ ޚާއްސަ ބެލުމުގެދަށަށް ރާނީ ގެނައުމަށް މިހާރު ލަފާއަރުވާފައިވާ ކަމުގައެވެ.

"ރާނީ ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގެން، ބަލްމޯރަލް (ސްކޮޓްލޭންޑުގައި ހުންނަ ރާނީއަށް ޚާއްސަ ގަނޑުވަރެއް) ގައި،" ބަކިމްހަމް ޕެލަސްއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޝާހީ އާއިލާގެ ބައެއް ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުމުރުން މިހާރު 96 އަހަރުގެ ރާނީގެ ހާލުކޮޅާއި ގުޅޭގޮތުން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެކަން މިހާރުވަނީ ރާނީގެ އާއިލީގޮތުން އެންމެ ގާތް ފަރާތްތަކާއި ހިއްސާ ކޮށްފައެވެ.

ރާނީގެ ސިއްހީ ހާލުކޮޅު ދަށްވުމާއި ގުޅިގެން، ރާނީގެ ދޮށީ ދަރިކަލުން ޕްރިންސް ޗާރލްސްއާއި، ޗާލްސްގެ އަބިކަނބަލުން ކެމިލާއާއި ރާނީގެ މާމަ ދަރިކަލުން (ޗާލްސްއަށްފަހު ދެން ރަސްކަމަށް ވަޑައިގަންނާވާނެ) ޕްރިންސް ވިލިއަމް މިހާރުވަނީ ރާނީ ހުންނެވި ބަލްމޯރަލް ގަނޑުވަރަށް ވަޑައިގެންފައެވެ.

ރާނީވަނީ މިހަފްތާގެ އަންގާރަދުވަހު އިނގިރޭސި އާ ބޮޑުވަޒީރު ލިޒް ޓްރަސްއާއި ބައްދަލު ކުރައްވާފައެވެ. އަދި ރާނީގެ ސިއްޙީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން، ޓްރަސްވަނީ ޓޫވީޓުވެސް ކުރައްވާފައެވެ.

"މިއަދުގެ މެންދުރު ވަގުތު ބަކިމްހަމް ޕެލަސްއިން އާންމު ކުރި ޚަބަރާއެކު މުޅި އިނގިރޭސިވިލާތް މިވަނީ ކަންބޮޑު ވެފަ،" ޓްރަސްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ. "އަހަރެންގެ ހެޔޮ ދުޢާއާއި، އަދި އިނގިރޭސިވިލާތުގެ ހުރިހާ ރައްޔިތުންގެ ދުއާތައްވެސް ވަނީ ރާނީއާއި ރާނީގެ އާއިލާއާއެކު،" ޓްރަސްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ފަހަކަށް އައިސް ރާނީގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ރަސްމީ ބައެއް މަސައްކަތްތަކުން ވަނީ ދުރަށް ޖެހިވަޑައިގެންފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ހަރަކާތްތެރިވެ އުޅުމުގައި ކުރިމަތިވެ ވަޑައިގެންފައިވާ ދަތިތަކެވެ.

ރާނީއަށްފަހު އިނގިރޭސި ރަސްކަމަށް ދެން ވަޑައިގަންނަވާނީ ރާނީގެ ދޮށީ ދަރިކަލުން، ވަލީއަހުދު ޕްރިންސް ޗާރލްސްއެވެ. ޗާރލްސްއަށްފަހު ދެން ރަސްކަމަށް ވަަޑައިގަންނަވާނީ ޗާރލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *