މާލޭގައި 8،000 އަށް ވުރެ ގިނަ މީހުން އިއްޔެ މިނީ ބަހުގައި ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާންމުން މި ހިދުމަތް ބަލައިގެންފި ކަމަށެވެ. އަދި އެއަށް ވުރެ ގިނަ މީހުން ދަތުރުކުރިޔަސް އެމްޓީސީސީ އޮތީ އެކަމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ބަހުގެ ހިދުމަތް ހޯމަ ދުވަހު ފެށިއިރު، އެ ދުވަހު ދަތުރުކުރީ 2،250 އެވެ. އަންގާރަ ދުވަހު 3200 އެވެ. އިއްޔެ ދަތުރު ކުރި ޖުމްލަ އަދަދަކީ 8،024 އެވެ. އިއްޔެ ހަމައެކަނި އޯކިޑް މަގު ރޫޓުން އެކަނި ވެސް 3094 މީހުން، އަމީނީމަގުން 2،416 އަދި ސޯސަން މަގުން 2،514 މީހުން ދަތުރު ކުރިއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. އޯކިޑް ރޫޓުން އިއްޔެ 3،094 މީހުން، ސޯސަން ރޫޓުން 2،514 މީހުން އަދި އަމީނީ ރޫޓުން 2،416 މީހުން ހިދުމަތް ހޯދާފައިވެއެވެ.
Male’ bus dhathuru thakah bodu tharuheebeh. Thin vana dhuvahu ekani 8024 dhathuruverin dhathuru kuri. Raiyyithunah dhehvaa ehbaaru lumah Shukuriyya. @MTCCPlc @governmentmv @ibusolih
— Adam Azim (@adamazim) September 8, 2022
އެމްޓީސީސީން ބުނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ތަރައްގީކުރަން އަދި ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދުވަހުން ދުވަހަށް ކުރާނެ ކަމަށެވެ. އަދި މާލޭގައި އެއް ދުވަހެއްގައި މިނީ ބަހުގައި 10،000 މީހުން އުފުލުމުގެ ގާބިލް އެބަހުރި ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ރައްޔިތުން ބަލައިގެންފި ކަމަށެވެ. އެހެންކަމުން ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެއެވެ.