ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ދިނުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައި މުއްދަތުތަކުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑައުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ތަރީހުގައި އެކަން ތަންފީޒު ކުރުމަށް އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރުމުން މުއްދަތެއް ނެތްގޮތަށް ފަސްކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ވަޒީފާއާއިބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އެވެ. ޖަމްޝީދުގެ މި އިސްލާހު ހުށަހެޅުއްވީ ދުނިޔެެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށް މަސައްކަތް ތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަން ލާޒިމް ކޮށްފައިވާ ދެ އަހަރުގެ މުއްދަތަށް ބަދަލު ގެނައުމަށެވެ.
އެކަން ކުރުމުގެ މުއްދަތެއް ޤާނޫނުގައި ބަޔާން ކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމް ވާނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ޤައުމުގެ ފުދުން ތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅައި އާންމުކުރާ ތާރީހެއްގައިކަމަށް ޖަމްޝީދުގެ އިސްލާހުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ޤާނޫނަށް އިސްލާހު ގެނައިރު، ބިދޭސީ މުވައްޒިފުންގެ ކުޑަ އުޖޫރަ ދޭނެ ތާރީހެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަސް ދޭންޖެހޭނެ މިންވަރެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭންވާނެއެވެ.