އަދާލަތު ޕާޓީގައި 2,000 ވަރަކަށް ސަލަފީ ވައްހާބީންނާއި "ޕާޓޭން" ކޮޅެއްވެސް އެބަ އުޅޭކަމަށާއި، އަދާލަތު ޕާޓީން ވެރިކަމަށް ކުރިމަތިލާން 168 އަހަރުގެ ރާސްތާ ކަޑައްތުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސެއިން ރަޝީދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
ދިހަ އަހަރު ފަހުން ރާއްޖޭގައި ވެރިކަންކުރާނީ އަދާލަތު ޕާޓީން ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް ޝެއިހް އިމްރާން ވިދާޅުވުމާ ގުޅިގެން ޝެއިހް ހުސެއިން ރަޝީދުވަނީ އެވާހަކައަށް ރައްދު ދެއްވައި ފޭސްބުކްގައި ޕޯސްޓެއް އާއްމުކުރައްވާފައެވެ. އަދާތު ޕާޓީގެ މެމްބަރުންނާ ގުޅޭ ގޮތުން ހުސެއިން ރަޝީދު ވިދާޅުވީ ޢަދާލަތުގައި 10،200 ވަރަކަށް މެމްބަރުން ތިބިއިރު އޭގެތެރެއިން 4،000 މީހުންނަކީ އެ ޕާޓީއަކީ އޮތް އެއްޗެއް ކަންވެސް ނުދަންނަ މީހުން ކަމަށެވެ.
2،000 ވަރަކަށް ސަލަފީ ވައްހާބީންނާއި ޕާޓޭންކޮޅެއްވެސް އޭޕީގައި އެބަ އުޅެއެވެ. މިމީހުންގެ ވޯޓު ލިބޭނީ ޖީބު ގަރަމް ކުރި ބަޔަކަށެވެ.
– ހުސެއިން ރަޝީދު ވިދާޅުވިއެވެ.
ޝެއިހް ހުސެއިން ރަޝީދު ވިދާޅުވި ގޮތުގައި އަދާލަތައް ވެރިކަމަށް ކުރިމަތިލާން އޮތް އެންމެ ބޮޑު ހުރަހަކީ އެ ޕާޓީގައި ތިބި ސަލަފީންކަމަށެވެ. އޭނާ ވަނީ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީސް "ދޮވެ ސާފުކޮށްގެން ނޫނީ ރައްޔިތުންގެ ވޯޓަކާ ހަމައަށް އާދެވެން ނެތް ކަމަށެވެ. ސަލަފީންގެ ޢަގީދާއަކީ ޕާޓީ ސިސްޓަމާއި ޑިމޮކްރަސީ އަކީ ހަރާން އެއްޗެއް ކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކީ ޝިރުކު ކަންކަމުގައި ސަލަފީން ދެކޭ ކަމަށްވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ.
ޢަދާލަތުގެ ޢިލްމުވެރިންގެ މަޖިލިސް ދޮވެ ސާފުކޮށްގެން ނޫނީ ޢަދާލަތަކަށް ރައްޔިތުންގެ ވޯޓަކާ ހަމައަށް އާދެވެން ނެތެވެ. އޭގައި މުޅިންހެން ތިއްބެވީ ޢައްލާމާ އިޤްބާލު ވިދާޅުވިކަހަލަ ޝައިޚުންނެވެ. 21 ވަނަ ޤަރުނުގައިވެސް ބިން ފަތާކަމަށް ޤަބޫލުކުރާ ފާޑުގެ ޢިލްމުވެރިންނެވެ. އެއުރެންގެ ދީނީ ސިޔާސީ ފިކުރު އޮންނަނީ ވަހުތާނެއްހެން ވަޔާ ތެޅިތެޅިއެވެ.
– ހުސެއިން ރަޝީދު ވިދާޅުވިއެވެ.
އަދި އެހެންމެ އެމީހުން ވަޟުޢީ ޤާނޫނު ހަރާމޭ ބުނާއިރު މަޖިލިސްތަކުން ހަދާ ޤާނޫނުތަކާ އިސްލާމީފިޤުހާ ދެމެދު ހުރި ތަފާތަކާއި ގުޅުމެއް ރޭކާއެއް ނުލާކަމަށްވިދާޅުވެ ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. އޭގެ އިތުރުން އެނާ ވިދާޅުވީ ސަލަފީންނަކީ ސަރުކާރު ހިންގުމަށް ބޭނުންވާ ބޭންކިން ސިސްޓަމާއި ޑިއުޓީއާއި ޓެކުހާއި މިފަދަ އެންމެހައި ޒަމާނީމާލީ ސިސްޓަމަކީ ހަރާން ތަކެތި ކަމަށް ވިދާޅުވެ އެފަދަ ބަޔަކު "މިއަދު އެހެން ދުނިޔެއަކަށް ނުގޮސް އުޅޭނީ ކިހިނަކުން ތޯ" އޭނާ ސުވާލު އުފައްދަވާފައިވެއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ކުރި ޓްވީޓެއްގައި ވިދާޅުވީ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ. ރާއްޖޭގެ ވެރިކަމަށް 2033 ވަނަ އަހަރު އަދާލަތުން އަންނާނެކަން އިމްރާން އިއުލާންކުރިއިރު އޭގެ ކުރިން އަދި ދެރިޔާސީ އިންތިހާބެއް ރާއްޖޭގައި ބާއްވަން ޖެހޭނެއެވެ. އެއީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާއި އޭގެ ފަސް އަހަރު ފަހުން 2028 ވަނަ އަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބެވެ.
ޕާޓީ ވަރުގަދަކޮށް، ތާއީދު އިތުރުކުރުމަށް އަދާލަތު ޕާޓީން ކުރިޔަށް އޮތް 10 އަހަރަށް އަމާޒުކޮށް ސްޓްރެޓީޖިކް ޕްލޭނެއް ރޭ ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ