ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ އެމްޑީޕީއަށް ލިބިފައިވާ ސުޕް މެޖޯރިޓީގެ ބޭޏުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހުގެރައީސްއަށް މިފަދައިން ބަޔާންކޮށް ސިޓީ ފޮނުވާފައިވަނީ ޤައުމީ ސަލމަތާބެހޭ ބިލު ބަލައި ނުގަތުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވާ އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ ޤައުމީ ސަލާމަތް ރައްކާތެރިކުރުމާއިއެކު ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭފަދަ ކަންކަމާއި ނިރުބަވެރި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށް، ނޭޝަނަލް އިންޓެލިގެންސް ހަރުދަނާ ކުރުމާއެކު ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމަށް އެހީތެރިވެދިނުމުގެ މަތިވެރި މަޤުޞަދުގައިކަމަށެވެ. އެބިލުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރި ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޤައުމީ ސަލާމަތާބެހޭ ކައުންސިލާއި ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެފަރާތްތަކުގެ ޒިންމާތަކާއި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅިގެން ކަންކަން ކުރާނެގޮތްތައް ހިމަނާފައިވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
2016 ވަނަ އަހަރު ޤައުމީ ސަލާމަތާބެހޭ ބިލު ފަރުމާކުރަން ފެށީ ދިވެހިރާއްޖޭގެ ސިޔާސީ މާހައުލާއި މަލްޓިޕާޓީ ޑިމޮކްރަސީގެ ޅަފަތުގައި ކުރެވެމުންދިޔަ ތަޖުރިބާތަކަށް ރިޢާޔަތްކޮށްގެންކަމަށާއި، ބިލު އެކުލަވާލައިފައިވާނީ އޭރު ރާއްޖޭގެ އަސްކަރިއްޔާގައި ތިއްބެވި ޤާނޫނީ ވަކީލުންގެ އިސްނެންގެވުމާއެކު، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޤައުމީ ސަލާމަތާބެހޭ ޤާނޫނުތައް ދިރާސާކޮށްގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެ ބިލަށް ދިވެހި ފުލުންގެ ލަފާ ހޯދައިފައިވާނެކަމަށާއި، އޭގެ ފަހުން 2021 ވަނަ އަހަރު އެބިލު މުރާޖަޢާކޮށް ބިލަށް ބަދަލުގެނެސްފައިވާނީ ސަރުކާރުގެ މުއައްސަސާތަކަށް އިދާރީ ބޮޑެތި ބަދަލުތަކެއް ނުގެނެސް، ޤައުމީ ސަލާމަތާބެހޭ ކަންކަން ތަރުތީބު ކުރެވޭނެގޮތުގެމަތިންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޤައުމީ ސަލާމަތާބެހޭ ބިލު ރާއްޖޭގެ އެއްވެސް ޤާނޫނަކާ ތަޢާރަޒެއް ނުވެއެވެ. ބިލަށް ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ބިލުގައި މައްސަލައެއް ހުރިކަމަކަށް ފާހަގަ ކުރައްވާފައެއް ނުވެއެވެ. ޤައުމީ ސަލާމަތާބެހޭ ބިލެއް ބޭނުންވާކަން ގިނަ މެންބަރުން ފާހަގަ ކުރައްވާފައިވެއެވެ. ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާއަށްފަހު ބިލު ފާސްކުރިނަމަ ރާއްޖޭގެ ޤައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރިކޮށް، ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެތެރެއިން ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މަދު ކުރެވި، ބޭރު ޤައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ، ޢަސްކަރީ ނުފޫޒުތަކުން ރައްކާތެރިވުމަށް މަގުފަހިކުރެވުނީހެވެ. އަދި ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓެލިޖެންސް މިހާރަށްވުރެ ހަރުދަނާ ކުރެވުނީހެވެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް، އެއްވެސް އަސާސެއް، މަޤުބޫލު އުޒުރެއް ނެތި، ޤައުމީ ސަލާމަތާބެހޭ ބިލު ބަލައިނުގަތުމަށް ރޫލިންގ ޕާޓީ (އެމް.ޑީ.ޕީ)ގެ އަޣުލަބިއްޔަތުން ނިންމުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެކެވެ. އަދި ރޫލިންގ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ. މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅެއެވެ. ސުޕަރމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރުގޮތެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަރުދަނާ ޚިޔާލުތަކަށް މަރުޙަބާ ކިޔާ މެންބަރުންނަށްވުމަށް ވުމަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި ޤާނޫނުއަސާސީގެ ތިންވަނަ ބާބުން ލާޒިކުކުރާ ކަމެއްކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
ކަން މިހެން އޮތްނަމަވެސް، ޤައުމީ ސަލާމަތާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި މެންބަރުންނާއި ރޫލިންގޕާޓީގެ ބައެއް މެންބަރުން ބިނާކުރަނިވި ވާހަކަފުޅުތަކެއް ދެއްކެވިކަން އުފަލާއެކު ފާހަގަ ކުރަމެވެ. ޚާއްޞަގޮތެއްގައި މި ބިލު ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ބަހުސްގެ މަރުހަލާ އެކަށީގެންވާގޮތެއްގައި ވިލަރެސްކޮށްދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ޝުކުރު ދަންނަވަމެވެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
One Response
ބާރުލިބުނީމައިކޮއްމެބަޔަކުވެސްހެދީ ނުވަތަކަންކުރީހަމަތިޔަވިދާޅުވިގޮތަށް