އިނގިރޭސި އައު ބޮޑު ވަޒީރަށް ރައީސް މަރުހަބާ ދަންނަވައިފި

އިނގިރޭސި އައު ބޮޑު ވަޒީރަށް ރައީސް މަރުހަބާ ދަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2022 08:05
0

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރުކަމަށް މޭރީ އެލިޒަބަތު ޓްރަސް ހޮވުމާއެކު އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެކަމަނާއަށް މަރުޙަބާ ވިދާޅުވެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރެއްވުމަށް އެކަމަނާއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށެވެ. އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރަކު ކަނޑައެޅުމަށް ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު ޚާރިޖީ ވަޒީރު މޭރީ އެލިޒަބަތު ޓްރަސް ކާމިޔާބު ކުރެއްވީ %57 ތާޢީދާއެކުއެވެ. އެއީ އެ ޕާޓިގެ 81326 ވޯޓުންނެވެ.

ރަސްމީ ގޮތުން ބޮޑުވަޒީރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ޓްރަސްއާ ހަވާލު ކުރައްވާނީ ސެޕްޓެންބަރު 6ގައި ބާއްވާ ރަސްމިއްޔާތެއްގައި ރާނީ އެލިޒަބަތެވެ. އޭނާއަށް އެންމެ ފުރަތަމަ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ މަސައްކަތަށް ވާނީ އުފުލެމުންދާ ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ތެލާއި ގޭހުގެ ސްޓޮކް މަދުވުމާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، ޞިއްޙީ ޚިދުމަތްތަކާ ގުޅޭ މައްސަލަތަކުގެ އިތުރުން ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމާ އޭނާ އެކުލަވައިލައްވާ އައު ސަރުކާރަކަށް ކުރިމަތިލާން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.