މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށައިފިއެވެ. މިނ ބަހުގެ ޚިދުމަތް ފަށާފައި ވަނީ މިއަދު އެވެ. ފުރަތަމަ ދެ ހަފްތާގައި ކުރިއަށް މިދަނީ ޓެސްޓް ދަތުރުތަކެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގައެވެ.
މިނީ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ. ބަހުގެ ޚިދުމަތުގައި ސްކޫލް ކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ. މިއީވެސް ބެލެނިވެރިންނާއި އާއްމު ރައްޔިތުންނަށްވެސް ލިބޭ ބޮޑު ލުޔެކެވެ.
ބަހުގެ ރޫޓްތައް ކަނޑައަޅާފައިވާގޮތުން، ސްކޫލަށް ދާ ކުއްޖާއާ އޮފީހަށް ނުވަތަ ހޮސްޕިޓަލަށް ދާ މީހާ، ދިހަ މިނެޓަށްވުރެ ކުޑަ ވަގުތުކޮޅަކުން ހިނގާފަ ދެވޭހާ ކައިރިއަށް ބަސް މަޑުކުރާނެއެވެ. އެއީ އެންމެ ދުރު ހިސާބުތަކަށެވެ. ނަމަވެސް ރޫޓްތައް ކަނޑައެޅިފައިވާގޮތުން، އާއްމު ޚިދުމަތްތައް ޤާއިމުވެފައިހުރި ތަންތަނާ ވަރަށް ކައިރީގަވެސް ބަސް ސްޓޮޕްތައް ވަނީ ޤާއިމުކޮށްފައެވެ.
CEO @adamazim, COO @shahid2742, @MaldivianAero DMD @JenniferAishath, our executives and staff went on board today to experience the first scheduled bus of our @RTLnetwork Male bus service. #ConnectingRaajje #RTLbus #RayyithungeKunfuni pic.twitter.com/1ueS2NSS91
— MTCC Plc (@MTCCPlc) September 5, 2022
މި ބަސް ރޫޓްތަކުން ހެންވޭރުން މާފަންނަށް ފަސޭހަކަމާއެކު ގުޅާލަދެއެވެ. ކޮންމެ ބަސް ސްޓޮޕެއްގެ ދެމެދުގައި ހުންނާނީ ފަސްވަރަކަށް މިނެޓުން ހިނގާފަ ދެވޭހާ ދުރުމިނެވެ. ބަހުގެ ޚިިދުމަތް ދަންވަރުގެ ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައި ލިބޭނެއެވެ. އެގޮތުން ބަސް ދަތުރުތައް ފަށާނީ ފަތިހު 5:45އިންނެވެ. އަދި އެންމެ ފަހު ދަތުރު ކުރާނީ ދަންވަރު 12:15 ގައެވެ. މި ގަޑިތަކުގައި ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕަށް ބަސް މަޑުކުރާނެއެވެ.
ބަހުގެ ޚިދުމަތަކީ އާއްމުންނަށް ބަރޯސާ ވެވޭ، ދެމެހެއްޓެނިވި ޚިދުމަތަކަށް ހެދުމަކީ އެމްޓީސީސީގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން ގޭގައި ތިބެގެން ބަހުގެ ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް "ކިއު.އާރް ޓިވެޓިންގ"ވެސް މިވަނީ ތަޢާރަފްކޮށްފައެވެ. މިގޮތަށް ނަގާ ޓިކެޓް ނެގުމަށްފަހު، 7 ދުވަހުގެ މުއްދަތަކަށް ބޭއްވޭނެއެވެ.
މި ޚިދުމަތް ފެށުމަށް މާލޭގައި 18 ބަސް ދުއްވާނެ އެވެ. އޭގެ ތެރެއިން 8 ބަހަކީ ފުރޮޅުލީ ގޮނޑީގައި ވެސް އެރޭނެ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ބޭނުންކުރެވޭނެ ގޮތަށް ހުރި ބަސްތަކެކެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ބަހުގެ ރޫޓު ހިމެނޭ މަގުތަކުގައި އިތުރު ޕާކިން ޤާއިމުކޮށް މަގުމަތީގައި ޕާކުކުރުންވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މިވޭތުވެދިޔަ ދުވަސްތަކުގައިވެސް މިމަގުތަކުގެ ބައެއް ސަރަޙައްދުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތައް މަޑުކޮށްގެން ތިބޭކަން ފުލުހުންނަށް ފާހަގަވެފައިވާތީ އެގޮތަށް ޢަމަލުނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަސް ދުއްވާ މަގުތަކުގައި އުޅަނދުތައް މަގުމަތީގައި މަދުންނަމަވެސް ޕާކުކުރާކަން ފާހަގަވެފައިވާތީ އެގޮތަށް އެއްވެސް ގަޑިއެއްގައި ޢަމަލުނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.