ވޯޓާ ތީމް ޕާކް އެއްބަސްވުން އުވާލައި، ބިން ހަވާލުކުރަން އަންގައިފި

ވޯޓާ ތީމް ޕާކް އެއްބަސްވުން އުވާލައި، ބިން ހަވާލުކުރަން އަންގައިފި

ހުޅުމާލޭ ވޯޓާ ތީމް ޕާކް ހެދުމަށް ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލޭޝަރ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ބިން ހަވާލު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

2017 ވަނަ އަހަރު ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްޤީ ކުރުމަށް ވޯޓާ ފްރަންޓް ކުންފުންޏާ ހަޗާލުކުރި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން އެޗްޑީސީން ވަނީ ފާޅުކޮށްފައެވެ. އަދި އެޗްޑީސީން އެކުންފުންޏާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުވެސް މަސައްކަތް ކުރިއަށް ނުގޮސް އޮވެ، އެންމެ ފަހުން އެކުންފުންޏާއި މިމަޝްރޫޢު ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް އެޗްޑީސީގެ އެތެރޭގެ އޮޑިޓަކުން ވަނީ ފާހަގަކޮށްފައެވެ.. މިކަމާއި ގުޅިގެން އެޗްޑީސީން އެމައްސަލަ އޭސީސީއަށްވެސްވަނީ ހުށަހަޅާފައެވެ.

މިމައްސަލާގައި ވޯޓަރ ފްރަންޓުން ވަނީ ކޯޓު މެދުވެރިކޮށް އެއްބަސްވުމަށް ހައްލު ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ ކުރިއަށް ދަނިކޮށް އެޗްޑީސީންވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށް ބިން 30 ދުވަހުގެ ތެރޭގައި އަނބުރާ އެޗްޑީސީއާ ހަވާލުކުރުމަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ވޯޓަރ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ އެންގުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހާޅަފައެވެ. ސިވިލް ކޯޓަށް ހުށަހެޅި މިމަސައްލައިގައި އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާއި ގުޅޭ މައްސަލަ ހައްލުކުރުމުގެ ކަންކަން ކޯޓު މަރުހަލާގައި އޮތްއިރު އެއްބަސްވުން އުވާލުމުން، އެކުންފުންޏަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށާއި، އެކުންފުނިން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމެންދެން އެޗްޑީސީގެ ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ.

މިކަމުގައި އެޗްޑީސީން ޖަވާބުދާރިވަމުން ވަނީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ، ހުރިހާ އިޖްރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށާއި، ވޯޓާ ފްރަންޓް ކުންފުނިން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބުނިނަމަވެސް ލިބިދާނެ ގެއްލުން ސާފުކޮށް ނުދޭ ކަމަށް ބުނެފައެވެ. މައްސަލައިގެ ހުކުމުގައި ސިވިލް ކޯޓުން ވަނީ އެޗްޑީސީގެ ކޮޅަށް ބުރަވެފައެވެ. އަދި މިއީ އަގުކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫޢަކަށް ވުމުން އިޔާދަ ނުކުރެވޭ ފަދަ ގެއްލުމެއް އޮތް ކަމަށް ވޯޓަރ ފްރަންޓަށް ބުނެދެވިފައިވާ ނުވާކަމަށް ކޯޓު ހުކުމުގައި ވެއެވެ.

35 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ ތީމް ޕާކް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިނަމަވެސް ބައެއް އިމާރާތްތަކަށް ބޭނުންވާ ސްޓްރަކްޗަރަލް މަސައްކަތް ފިޔަވާ އިތުރު މަސައްކަތެއް ކުރިއަށް ގޮސްފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މީ އަމިއްލަ ކުންފުނިތަކަށް މަސައްކަތްތައް ހަވާލު ކުރީމާވާހާގޮތްތައް ލާރިކޮޅު ކާލާފާ މަސްރޫޢުތަށް ކުރިޔައްނުގެންގޮސް ކުންފުނިތަކުގެ ވެރިން ފިލަނީ

Leave a Reply

Your email address will not be published. Required fields are marked *