ރަށުންބޭރުގައި ސެވިއްޔާ 3-0 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގައި ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފިއެވެ.
ސެވިއްޔާ އިން މިރޭގެ މެޗު ފަށައިގެން ބާސެލޯނާ އަށް ޕްރެޝަރު ކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވިއެވެ. ބާސެލޯނާ އިން ވަނީ މެޗުގެ 22 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލުން ލީޑުނަގައިފައެވެ. އޭރިއާތެރެއިން ރޮބަޓް ލެވަންޑޯސްކީ ގޯލަށް ޖެހި ބޯޅައެއް ސެވިއްޔާ ޑިފެންޑަރު ސަލާމަތްކުރަން އުޅުމުގެ ތެރޭހައި ރަފީނިއާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.
މެޗުގެ 36 ވަނަ މިނިޓްގައި ލެވަންޑޯސްކީ ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ޖޫލްސް ކޫންޑޭ ދިން ބޯޅައަކުންނެވެ. ސެވިއްޔާ ދޫކޮށް މި ފަހަރު ބާސެލޯނާ އަށް ބަދަލުވި ކޫންޑޭ މަތިން ހުރަސްކޮށްލި ބޯޅަ އޭރިއާތެރެއިން މެއިން ކޮންޓްރޯލް ކުރުމަށް ފަހު ލެވަންޑޯސްކީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފައެވެ. މެޗުގެ 50 ވަނަ މިނިޓްގައި އެރިކް ގާސިއާ ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ވެސް ކޫންޑޭ ދިން ބޯޅައަކުންނެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސެވިއްޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.