ރެއާލް މޮޅުވެ އެއްވަނަ މަޤާމު ދަމަހައްޓައިފި

ރެއާލް މޮޅުވެ އެއްވަނަ މަޤާމު ދަމަހައްޓައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްގެ މައްޗަށް 2-1 އިން ކުރިހޯދައި ރެއާލް މެޑްރިޑުން އެ ޓީމުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފިއެވެ.

ރެއާލް މޮޅުވީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް އިންނެވެ. މިގޮތުން އެޓީމުން ވަނީ ނުވަ ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީސިއަސް ޖޫނިއާއެވެ.

ނަމަވެސް ބެޓިސް އިން ވަނީ ރެއާލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ކެނަލެސްއެވެ. މެޗުގައި ލީޑު އަނބުރާ ހޯދަން ރެއާލްއަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފް ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ރެއާލް އިން މެޗުގެ ލީޑު އަނބުރާ ހޯދީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަލްވާޑޭގެ އެހީތެރިކަމާއެކު ރޮޑްރީގޯއެވެ. މިއަށްފަހު ލީޑު ފުޅާ ކުރަންވެސް ރެއާލްއަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބެޓިސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިން ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *