ހިފާފައިވާ ހުޅަނގު އައްސޭރިއަށް ޒިޔާރަތް އެހެން ގައުމުތަކުގެ މީހުން ފަލަސްތީނުގެ ރައްޔިތުންނާއި ލޯބީގެ ގޮތުން ގުޅޭނަމަ، އެކަން އިސްރާއީލަށް އަންގަންޖެހޭ ގޮތަށް ހަމަޖައްސާ، މި ގަވާއިދަށް މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އަމަލްކުރަން ފަށާގޮތަށް އިސްރާއީލުން ހަމަޖައްސައިފިއެވެ.
ބީބީސީން މި ހަފްތާގެ ހޮނިހިރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ގަވާއިދު އާންމުކޮށްފައިވަނީ، ހުޅަނގު އައްސޭރީގެ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރާ ބޭރު މީހުންނަށް ހަދާފައިވާ ގަވާއިދުތަށް ހަރުކަށި ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން އާންމުކޮށްފައިވާ މި ގަވާއިދުގައި ވާގޮތުން، ފަލަސްތީނު މީހުންނާ ކައިވެނިކުރާ ގައުމުން ބޭރުގެ މީހުން، ކައިވެނި ކުރާތާ 27 މަސްދުވަހުގެ ތެރޭގައި ފަލަސްތީން ދޫކޮށް ދާންޖެހެއެވެ. އަދި އެއަަށްފަހު ޖެހިގެންއަންނަ 6 މަސްދުވަހުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި މައްސަލައެއް ނެތްކަން ޔަގީންކުރާން ޖެހެއެވެ.
އިސްރާއީލުން އެކުލަވާލާފައިވާ 97 ސަފްހާގެ މައްޗަށް އެކުލެވޭ ލިޔުންތަކާއި ހަވާލާދީ ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގައުމުން ބޭރުގެ މީހުން، ލޯބީގެ ގުޅުން ގާއިމް ކުރެވޭތާ 30 ދުވަސްހުގެ ތެރޭގައި އެކަން އިސްރާއީލުގެ މުވައްސަސާތަކަށް އަންގަން ޖެހެއެވެ.
އަދި މީގެ އިތުރުންވެސް ފަލަސްތީނުގެ ރައްޔިތުން އަމަލު ކުރުމަށް އިސްރާއީލުން އެކުލަވާލާފައިވާ އެހެން އުސޫލުތައްވެސް ވަނީ ހަރުކަށި ކޮށްފައެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ޔުނިވަރސިޓީތަކުގައި ކިޔަވަން ފަލަސްތީނުގެ ރައްޔިތުންނަށް ދޫކުރާ ކޯޓާގެ މިންވަރަކީ 150 ކަމުގައި ހަމަޖެއްސުމާއި، ޔުނިވަރސިޓީތަކުގައި ކިޔަވާދޭ ގައުމުން ބޭރުގެ ލެކްޗަރައިންގެ ކޯޓާގެ އަދަދު 100 އަށް ހަމަޖެއްސުންވެސް ހިމެނެއެވެ. އެހެންނަމަވެސް މި ޔުނިވަރސިޓީތަކުގައި އިސްރާއީލުގެ ރައްޔިތުންނަށް ވަކި އަދަދެއް ހަމަޖައްސާފައެއް ނުވެއެވެ.
މީގެ އިތުރުންވެސް، އިސްރާއީލުން ހަރުކަށި ކޮށްފައިވާ އުސޫލުތަކުގެ ތެރޭގައި، ހުޅަނގު އައްސޭރިއަށް އެތެރެވާ މީހުންނަށް ދޫކޫރާ ވިސާއާއި ވިސާގެ މުއްދަތު ހިމެނެއެވެ. މީގެ ތެރޭގައި، ހުޅަނގު އައްސޭރީގައި މަސައްކަތް ކުރުމަށާއި އަދި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭގޮތަށް ހަމަޖައްސާފައިވަނީ މަދު މަސްތަކަކަށެވެ.
އިސްރާއީލުން އުސޫލުތައް ހަރުކަށި ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރީގެ ބޭނުންތަކުގައާއި އަދި އެހީދޭ ޖަމިއްޔާތަކަށް ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރުން ވެގެންދާނީ ދަތި ކަމަކަށެވެ.