ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތަކަކީ ހުވަފެނެއް ނޫންކަން ސާބިތު ކޮށްދެއްވައިފި: ސައުދު

ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތަކަކީ ހުވަފެނެއް ނޫންކަން ސާބިތު ކޮށްދެއްވައިފި: ސައުދު

Author
ހުސެއިން
03 ސެޕްޓެމްބަރ 2022 05:09
0

ގދ. ރަތަފަންދޫ އަށް މިއަދަކީ އުފާ ވެރި ދުވަހެއްކަމަށާއި، ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުތަކަކީ ހުވަފެނެއް ނޫންކަން ސާބިތު ކޮށްދެެއްވައިފި ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ގދ. ރަތަފަންދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ފެށުމާއި ގުޅިގެން ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދަކީ، އެރަށުގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެއްގެ ނިމުމުގެ ފެށުން އައި ދުވަސް ކަމުގައެވެ.

ސައުދު ވިދާޅުވެފައިވަނީ، މިއަދަކީ ރަތަފަންދޫ ރައްޔިތުންނަށް، އެމީހުންގެ އިހުސާސްތައް ދަންނަ ރައީސަކު ހުރިކަން ޔަގީންވެގެންދިޔަ ދުވަސް ކަމުގައެވެ.

އަދި ސައުދުވަނީ މި މަސައްކަތް މިހާ ބާރު ސްޕީޑުގައި ކުރިޔަށް ގެންދަވާ ކަމަށްޓަކާ ފިނޭންސް މިނިސްޓަރުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށްވެސް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް އަވަސްވާނޭގޮތެއް ވާންޖެގޭ ކަމުގައިވެސް ސައުދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.

ގދ. ރަތަފަންދޫގެ 1385 ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.