ރާއްޖެ ދަރަނިވެރިކޮށް ޤައުމުގެ ރަޔިތުން ނިކަމެތި ކޮށްލުމަށްފަހު ކޯލިޝަންގެ ބޮލުގައި ޒިންމާ އަޅުވާފައި ރެކެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، ޤައުމު މިހާލަތަށް ދިއުމުގެ ޒިންމާ ނަންގަވަންޖެހޭނީ އެމްޑީޕީން ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިބަޖެޓަކީ ދަރަނި ބޯ ބަޖެޓެއް ކަމަށެވެ. ބަޖެޓަށް ވޯޓު ނުދެއްވާނަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން 19 ވަނަ ދުވަހު ބަޖެޓަށް ނޫނެކޭ ބުނަންޖެހޭ ސަބަބެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިބަޖެޓު މިހާލަތަށް ދާންޖެހުނީ ޤައުމު ހިންގަންނޭގި މަތިމައްޗަށް ލޯނު ނަގައި ދަރަނި އަދާނުކުރެވޭނެ ގޮތެއް ނެތުމުންކަމަށެވެ. މިއަދު މިކަންކަމުގެ ޒިންމާ ކޯލިޝަންގެ ބޮލުގައި އަޅުވާފައި އެމްޑީޕީއަށް ރެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއީ އެމްޑީޕީން އިސްވެ އޮވެގެން މިޤައުމު ޖެއްސި ހާލެއްކަމަށާއި، މިކަމުގެ ޒިންމާނަގަންޖެހޭނީ ރައީސް ޞާލިހުއާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުކަމަށް ޝީޔާމް ވިދާޅުވިއެވެ.
މިސަރުކާރަކީ އެމްޑީޕީ ސަރުކާރެއް، އަނިޔާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން. ދިވެހި ރައްޔިތުންނަކީ އޯގާތެރި ބައެއް. މިއަދު ޤައުމު މިހާލަތަށް ގެންގޮސް މިކަމުން ރެކެން އެމްޑީޕީން އުޅޭނެ ކަމެއްތް. މިކަމުގެ ޒިންމާ އެމްޑީޕީގެ އާންމު މެމްބަރުން ނަގާކަށް ނުޖެހޭ. މިކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީގެ ލީޑަރޝިޕުން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޤައުމު ހާލަތު ރަނގަޅުނުވެ ސަރުކާރަށް ދެއަހަރު ފާހަގަކުރަން އަތުކުރި އޮޅާލައި ކޮޅުކޮޅަށް ހިންގަވާއިރު، ވައުދުވެގެން ވެރިކަމަށް އައި އެއްވެސް ވައުދެއް ތަންފީޒު ނުވާކަމަށެވެ. އިންސާނީ ހައްގުތައް ނިގުޅައިގަނެ، އަންހެނުންނާއި، ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ، ޖިންސީ މައްސަލަތައް ރޯޔަލް ރޭޕަށްވެ، ދީނާއި ޚިލާފް އެތައްކަމެއް އާންމުވެ، ރައްޔިތުންނަށް ބޯހިޔާވަހިކަމައި، އަސާސީ ހައްގުތަކުންވެސް މަހުރޫމުގެ ނިކަމެތިވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޞާލިހު މިއަދު ކީރިތި ކުރައްވަންވީ މަރުތަކަށް އިންސާފު ނިލިބޭތީ، އެމްއެމްޕީއާރުސީ މައްސަލައަށް އިންސާފު ނުލިބޭތީ، ޖިންސީ ފުރައްސާރައަށް، ކަނބަލުންނަށް ކުރެވޭ ރޯޔަލް ރޭޕަށް އިންސާފެއް ނުބެލިބޭ، ދިވެހި ޢާއިލަތަށް ބިކަވެ ނިކަމެތި ވާތީ. އިސްލާމްދީނަށް ގޮންޖަހާ މީހުން މިގައުމުގައި ހެލިފެލިވެ އުޅޭތީ، މިއަދު ރައީސް ޞާލިހުކީރިތި ކުރައްވަންވީ.
– އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިބަޖެޓަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެެވޭނެ ބަޖެޓެއްނޫންކަމަށެވެ. އިންތިހާއަށް މަތި މައްޗަށް ދަރަނި އޮތްއިރު، ރައްޔިތުންނަށް ހެޔޮ އެދިގެން ހުރި އެއްވެސް ކަމެއް ބަޖެޓް ފޮތަށް ބަލައިލުމުންވެސް ނުފެންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ