އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްކުރުން މިރޭ ދަންވަރާއި ހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްކޮށްފިއެވެ. ބަހުސްއަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް މިއަދު ފުރުޞަތުދީ ނިންމާލުމާއި ހަމައަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 30 މެންބަރުންގެ ވޯޓުންނެވެ.
ބަޖެޓަސް ބަހުސްކުރުމަށް އެދިފައިވާ ހުރިހާ މެންބަރުންނަށް ފުރުޞަތުދީ ބަހުސް މަރުހަލާ މިއަދު ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށައަލާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މަރުހަލާ މިހާރު ކުރިއަށްދާއިރު ކޮންމެ މެންބަރަކަށް ވާހަކަފުޅު ދެއްކެވުމަށް 15 މިނެޓްގެ ފުރުޞަތެއް އެރުވުމަށް ނިންމާފައިވެއެވެ. ންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމެޓީ މަރުހަލާގެ މަސައްކަތްތައް ނިންމައި މިހަތްފާގެ ބުރާސްފަތި ދުވަހު ތަޅުމަށް ހުށަހެޅުމަށް އަމާޒުވަނީ ހިފާފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ބަޖެޓް ފާސްކުރުމަށް އަމާޒު ހިފާފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ