ރައީސް ޔާމިންގެ ދައުރުގައި އެންމެ ގާތް މިތުރެއްގެ ގޮތުގައި އޮތީ ޗައިނާ

ޗައިނާގެ ދަރަނި އެންމެ ބޮޑު އެއް ގައުމަކަށް ރާއްޖެ

ޗައިނާގެ ދަރަނި އެންމެ ބޮޑު އެއް ގައުމަކަށް ރާއްޖެ

ޗައިނާގެ ދަރަނި 3 ވަނައަށް އެންމެ ބޮޑު ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިއްޖެއެވެ.

މަޝްހޫރު ފޯރބްސް މަޖައްލާއިން ހާމަ ކޮށްފައިވާ ގޮތުގައި، ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެއަށް 3 ވަނަ ލިބިފައިވަނީ، ރާއްޖޭގެ ގްރޮސް ނޭޝަނަލް އިންކަމް (ގައުމަށް ވަންނަ އާމްދަނީ)ގެ %38 އާއި އެއްވަރުގެ ދަރަންނެއް ޗައިނާއަށް ދައްކަން ޖެހިފައި އޮވެގެންނެވެ.

ރާއްޖެއަށްވުރެ ކުރީގައި މި ލިސްޓުގައި ހިމެނިފައިވަނީ އެފްރިކާގެ ދެގައުމެއް ކަމުގައިވާ ޖިބޫޓީއާއި އެންގޯލާއެވެ. ޖިބޫޓީގެ ޗައިނާ ދަރަނި އެގައުމުގެ ގްރޮސް ނޭޝަނަލް އިންކަމްގެ %43 އަށް އަރާއިރު، އެންގޯލާއިން ގްރޮސް ނޭޝަނަލް އިންކަމްގެ %41އާއި އެއްވަރުގެ ދަރަންޏެއް ޗައިނާއަށް ދައްކަންޖެހިފައި އެބައޮތެވެ.

ރާއްޖޭގެ ބޭރުގެ ދަރަނީގެ 1.4 ބިލިއަން ޑޮލަރު ނުވަތަ 22 ބިލިއަން ރުފިޔާއަކީ ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2013 އިން 2018އަށް (ރައީސް ޔާމިންގެ ދައުރުގައި) ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި 39 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ރައީސް ސާލިހުގެ ދައުރުގައި، ފާއިތުވި 4 އަހަރު ތެރޭގައި ނަގާފައިވާ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރައެވެ. މި ދަރަނީ ބޮޑުބައި ހިއްސާ ކުރަނީ، ކޯވިޑް ކާރިސާގައި ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ދައުލަތުން ނަގަންޖެހުނު ލޯނުތަކެވެ.

ސަރުކާރުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ ދަރަނިވަނީ 100 ބިލިއަން ރުފިޔާ ފަހަނަ އަޅާފައެވެ. އަދި މިއަހަރު ނިމޭއިރު މި ދަރަނި 103 ބިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ފޯރބްސް މަޖައްލާއިން ހާމަ ކޮށްގައިވާގޮތުގައި ޗައިނާއަށް ދަރާފައިވާ ނިސްބަތަކަށް ބަލާއި ރާއްޖެއާއި ލާއޮސް އުޅެނީ އެއް މިންގަޑެއްގައެވެ. ލާއޮސްއިން ޗައިނާއަށް ދައްކަންޖެހިފައިވާ ދަރަނީގެ ބޮޑުބައެއް ހިއްސާކުރަނީ ދާދިފަހުން އެގައުމުން ހުޅުވާފައިވާ ޗައިނާއާއި ގުޅުވައިދޭ ރެއިލްވޭއަށް ކޮށްފައިވާ އިންވެސްޓްމަންޓުންނެވެ.

މި މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި ޗަައިނާއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކަކީ، އިނޓަރނޭޝަނަލް މަނިޓަރީ ފަންޑު ނުވަތަ ވާލްޑް ބޭންކުފަދަ މުވައްސަސާތަކުން ގައުމުތަކަށް ދޫކުރާ ލޯނުތަކަށްވުރެ ބޮޑު އިންޓެރެސްޓު ރޭޓެއްގައި ދޫކޮށްފައިވާ ލޯންތަކެކެވެ. އަދި އަދާކުރަންޖެހޭ މުއްދަތުވެސް ޗައިނާއިން ދޫކޮށްފައިވާ ލޯންތަކުގައި ކުރެވެ.

ފޯރބްސް މަޖައްލާއިން ފާހަގަ ކޮށްފައިވާ ގޮތުގައި މީގެ ނަތީޖާއެއްގެ ގޮތުން، ޗައިނާގެ ލޯނުތަކަކީ ކޮމާޝަލް (ވިޔަފާރީގެ) ލޯނުތަކާއި ގާތްކުރާ ލޯނުތަކެކެވެ. އަދި މި ލޯނުތައް އަމާޒު ކޮށްފައިވަނީ، ލޯނު ނަގާ ގައުމުތަކުގެ ތަރައްގީއަށްވުރެ ބޮޑަށް ޗައިނާއިން ބޭނުންވާ އުމްރާނީ މަޝްރޫޢުތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *