އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަނުން ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށްފިއެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި ޗެލްސީ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން ވެސް ވަނީ ބަލިވެފައެވެ. ޗެލްސީ އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގައެވެ.
ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 23 ވަަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިިދިނީ ރަހީމް ސްޓާލިންއެވެ. ސައުތެމްޓަން އޭރިއާތެރެއިން ލިބުނު ބޯޅައެއް ސްޓާލިން ވަނީ އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވުނު ވަގުތެއްގައި ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ޗެލްސީން ލީޑުނެގިތާ ފަސް މިނިޓް ފަހުން ސައުތެމްޓަނުން ވަނީ އެއްވަރުކޮށްފައެވެ. މި ގޯލު ޖެހީ ރޮމެއޯ ލަވީއާއެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޗެލްސީ އަށް ސައުތެމްޓަންގެ ކޯނަރެއް ރަނގަޅަށް ޑިފެންސް ނުކުރެވިގެން، އޭރިއާ ރޮނގުކައިރިން ލަވިއާ އަށް ލިބުނު ބޯޅަ އޭނާ ހަމަޖެހިލާފައިވަނީ ކީޕަރު އެޑޮއާޑް މެންޑީ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.
މިމެޗުން ސައުތެމްޓަން މޮޅުވި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ އެޑަމް އާރމްސްޓްރޯންގއެވެ. މިމެޗްގެ ދެވަނަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އިތުރު ލަނޑެއް ފެނިގެނެއް ނުދިޔައެވެ.
މިކާމިޔާބީއާއެކު ސައުތެމްޓަން ވަނީ އެޓީމް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޗެލްސީ މިވަނީ ލަނޑުގެ ތަފާތުން ސައުތެމްޓަނަށް ވުރެ ފަހަތުން އަށްވަނައަށް ވެއްޓިފައެވެ.