އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަލާފައިވާ ބެޖެޓްގައި ތަރައްޤިގެ މަޝްރޫއުތަކަށް ޕީއެސްއައިޕީގައި ހިމަނާފައިވާ މަޝްރޫޢުތަކަކީ ގާތް ރަށްޓެހިންގެ ހިތްހަމަ ޖައްސާލުމަށް ހުރި މަޝްރޫއުތަކެއްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވަނީ ކުރެވެން ނެތްކަންކަން ބަޖެޓުގައި ހިމަނައިގެން ބަޖެޓް ހިފައިގެން ނުހިނގުމަށް މިނިސްޓަރ އަމީރަށް ގޮވާލައްވާފައެވެ. ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް އިންނެވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ބަޖެޓްގައި ހުރީ ގާތް ރަށްޓެހިން ހިތްހަމަ ޖައްސާލުމަށް ހިމަނާފައިވާ ކަންތައްތަކެއްކަމަށެވެ.
ޕީއެސްއައިޕީއަށް ބަލާލުމުން ހައިރާންވެ އަންތަރީސްވެއްޖެ. އެކިއެކި ފަރާތްތައް ހިތްހަމަ ޖައްސާލުމަށްޓަކައި ގާތް ރަށްޓެހިން ހިތްހަމަޖައްސައި ދިނުމަށްޓަކައި ގަބޫލުކުރަން ދަތި މިންވަރަށް ލިސްޓު ބޮޑޫކޮށްފައި އެބައޮތް.
-އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް
ދައުލަތުގެ ބަޖެޓް 170 މިލިއަން ރުފިޔާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ޤައުމު ދަރަނީގެ އަނދަވަލަށް ވައްޓާލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި، އެކަމުގައި ެެހީތެރިވެދިނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުކަމަށެވެ.
ޤައުމު އަނދަވަޅަށް ވައްޓާލީ މީގެކުރިން ވެރިކަންކުރި ޚުދުމުހުތާރު ވެރިޔަކު، އިޤްތިޞާދު މާބޮޑަށް އެނގޭކަމަށް ހެދިގެން ރާއްޖެ ޙާލަތަށް ވައްޓާލީ ޔާމީން ޢަބްދުލްޤައްޔޫމް. މިދައުލަތް މިރާއްޖެ މިހިސާބަށް ވައްތާލުމުގެ ޒިންމާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނަގަންޖެހޭނެ. އެއަށް ރޯނު އެދުރު ހެދިގެން އޭރުގެ އިކޮނޮމިކް މިނިސްތަރ މިހާރުގެ މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ސަޢީދު ހުންނެވީ އެކަމަށް އެހީތެރިވުމަށް. ހުރިހާ ވައްކަމެއްކުރުމަށް. ހަގީގަތުގަ ވައްކަންކުރަން ލޯނުތައް ނަގާފަ މިއޮތީ، އެއަށް ެހީތެރިވެދިނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު.
-އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް
އާޒިމް ވަނީ ފުރަތަމަ ކަމަކަށް ބަޖެޓަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ސަޢީދަށް އިޝާރަތްކުރައްވާ ވިދާޅުވެފައެވެ. އާޒިމް ވިދާލުވީ ދަރަނިތައް ބޮޑުވެ، މިއަހަރުންފެށިގެން ރިޒާވް ހުސްވަންދެން ޗައިނާއަށް އެދަރަނިތައް އަދާކުރަންޖެހިފައިވާކަމަށެވެ. އޭނާ ވަނީ އެދަރަނިތައް އެއް އަހަރު ނަމަވެސް ފަސްކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށާއި، ޤައުމު ދަރަނިން ސަލާމަތްކުރުމަށް ޤާނޫނުތައް ހަދައިގެންނަމަވެސް އެމަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ، ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރަންޖެހޭކަމަށާއި، އަންނަ އަހަރުގެ ބަޖެޓުން ދަރަނި ދެއްކެން ނެތްކަމަށެވެ. އަންނަ އަހަރުގެ ބަޖެޓަކީ ރިއަލިސްޓިކް ބަޖެޓެއް ނޫންކަމަށާއި، %50 ދަރަނި ބަޖެޓެއް ރިއަލިސްޓިކް ބަޖެޓަކަށް ނުވާނެކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.
"34.7 ހަރަދު ބަރަދަށް ފިނޭންސް މިނިސްޓަރު އެބައޮތް ޖައްސަވާފަ. އަޅުގަނޑުމެންނަށް ލިބޭނެކަމަށް އެބައޮތް 17 މިލިއަން. މީގެ ބޮޑުބައެއް ނުވަތަ 17.5 އެއީ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ. އެހެންވީމަ މިކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭ. މިއީ ރަނގަޅު ބަޖެޓަކަށް ހަދަންޖެހޭ. މިއުޅޭނީ ސަރުކާރާ ޖެހިގަނެގެނެއްނޫން. އެހީތެރިވުމަށްމިތިބީ."
އާޒިމް ވަނީ މަޖިލީހުގެ ތަޅުމުގައި މެންބަރުން ބަޖެޓާއި ގުޅޭގޮތުން ފާހަގަކުރާ މައްސަލަތައް ކޮމިޓީ މަރުހަލާގައި ރިޔާއަތްކުރުމަށްވެސް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ