ޔޯގާ ހަމަނުޖެހުން: ވަޒީރުންގެ ކޮމިޓީ ރިޕޯޓުގައި ބުނާ ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމަވައިފި

ޔޯގާ ހަމަނުޖެހުން: ވަޒީރުންގެ ކޮމިޓީ ރިޕޯޓުގައި ބުނާ ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމަވައިފި

ގުޅުންހުރި

މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަކަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ ދެކޮޅަށް ބަޔަކު ހިންގި ޢަމަލުތައް ބެލުމަށް އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރައްވާފައިވާ މަސައްކަތްތައް ހިމަނުއްވާފައިވެއެވެ. މިގޮތުން ކޮމެޓީން ކުރެއްވި ދިރާސާއާ ގުޅިގެން އެކުލަވައިލެއްވި ރިޕޯޓުގައި، 5 ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައިވެއެވެ. މިގޮތުން ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއެވެ.

ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ. އަދި އެމީހުންގެ ބަންދަށް މުއްދަތުވެސް ޖަހާފައިވެއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން، ފުލުހުން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ