ބަންގަލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަމަލްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދައްލަތުން ދައުވާ ކޮށްފައިވާ، ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު، އަދި އިދިކޮޅު ޕީޕިއެމްގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، ކާނަލަ ނަޝީދުގެ ޝަރީއަތް ފެށުމަށް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ސިއްރު އަޑު އެހުމެއްގެ ގޮތުގައި ކުރިޔަށް ގެންދާ މިޝަރީއަތް ތާވަލް ކޮށްފައިވަނީ މާއްދަމާގެ 15:30 އަށެވެ. މި ޝަރީއަތް ސިއްރު ކޮށްގެން ކުރިޔަށް ގެންދަނީ ޖިންސީ މައްސަލަތަކާގުޅޭ ޝަރީއަތްތަކަކީ ސިއްރު ކޮށްގެން ކުރިޔަށް ގެންދާ އަޑުއެހުންތަކަކަށް ވާތީއެވެ.
ބަންގްލާދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.
ފުލުހުން ކާނަލް ނަޝީދު ހައްޔަރު ކޮށްފައިވަނީ ފާއިތުވި ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ.
މި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަަށް މައްސަލަ ފޮނުވާފައިވަނީ ގާނޫނުލް އުގޫބާތުގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. މި ދެ ގާނޫނަކީ، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ދެގާނޫނެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުގެ އިތުރުން މިމައްސަލާގައި ހައްޔަރު ކޮށްފައިވާ ފުލުހުންގެ މީހާ އަބްދުއްރަހުމާން ރަފީގުއަކީ، ލީކުވަމުންދާ ވީޑިއޯތަކުގެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. މި ތިން މީހުން ބަންދުން ދޫކޮށްލުމުގެ ކުރިން ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން އިތުރު ކޮށްފައިވެއެވެ.
ތިންމީހުންގެ މައްސަލަވެސް ޕީޖީއަށް ފޮނުވުމާއެކު އެމީހުންވަނީ ބަންދުން ދޫކޮށްލާފައެވެ. އެހެންނަމަވެސް އެއް ޖިންސުން ގުޅުން ހިންގުމުގައި އިސްކޮށް އުޅުނު އަލަމްގިރި ބަންދުން ދޫކޮށްފައެއް ނުވެއެވެ.
އަލަމްގިރި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ހައްޔަރުކޮށް އޭނާ ފުލުހުންނަށް ދީފައިވާ ބަޔާން މިހާރުވަނީ ލީކުވެފައެވެ. މި ބަޔާނުގައި އޭނާ ބުނެފައިވަނީ ކާނަލް ނަޝީދުއާއި އޭނާވަނީ ހުޅުމާލޭގެ ގެސްޓު ހައުސްއެއްގައިވެސް އެއްޖިންސުން ގުޅުން ހިންގާފައެވެ.