ވޯޓު ދޭން ފުރުޞަތު ލިބިއްޖެނަމަ މިބަޖެޓަށް ވޯޓު ނުދޭނަން: ނަޝީދު

ވޯޓު ދޭން ފުރުޞަތު ލިބިއްޖެނަމަ މިބަޖެޓަށް ވޯޓު ނުދޭނަން: ނަޝީދު

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 12:05
0

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބަޖެޓަށް ވޯޓު ދެއްވަން ފުރުޞަތު ލިބިވަޑައިގެންފިނަމަ މިއީ ވޯޓު ދެއްވާނެ ބަޖެޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވި މިއަދުގެ ޖަލްސާގައި ދަރަންޏައި ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުންނެވެ.

މެންބަރުންގެ ޕޯޓަލްގައި މޫޑީސް އިން ރާއްޖެއަށް ދިން ކްރެޑިޓް ރޭޓިން ހިމަނާފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭ ކަރުދާހުގައި ދައުލަތުގެ ދަރަނި %13.4 ގައި ހުރުމަށްފަހު %23.4 އަށް އަރާނެކަމަށް ހިމަނާފައިވާކަމަށެވެ. ބަޖެޓްގައި ހިމަނާފައިވާ ދަރަނީގެ ޢަދަދާއެކު ބަޖެޓް ފާސްކޮށްފިނަމަ މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު އަތުގައި ދޭނެ ވޯޓެއް ނެތް އަޅުގަނޑު މި ގޮނޑީގަ ރިޔާސަތުގައި އިންނާތީ. އެހެންނަމަވެސް އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑު މައްޗަންގޮޅި މެދު ގޮނޑީގައި އިންނަމަ މިއީ މި ޑެފިސިޓާއެކު ވޯޓު ދެވޭނެ ބަޖެޓެއް ނޫނޭ.

-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓްގައި 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެވަފައިވަނީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަ ކަމަށެވެ. ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވީ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޯވިޑް-19ގެ ސަބަބުން، ކުރިން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ އާމްދަނީ ދަށްވުމާ ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރު ވެފައި ވާކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ގައުމީ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.