ފަހު ހާފުގައި ހާލަންޑް ހެދި ހެޓްރިކާ އެކު މެންޗެސްޓާ ސިޓީ އިން ފަހަތުން އަރައި 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު ޕެލަސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކު ސިޓީން ދިޔައީ ކުރިޔަށް ޖެހި އެޓޭކް ކުރަމުންނެވެ.
ނަމަވެސް ޕެލަސް އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯކިމް އެންޑަސަންއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 0-2 ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް ޕެލަސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން ސިޓީން އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއެވެ. މިގޮތުން 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާއެވެ.
ސިޓީން ފުލުފުލުގައި އެޓޭކް ކުރަމުން ގޮސް، ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 62 ވަނަ މިނެޓުގައި ހާލަންޑް ޖެހި ލަނޑުންނެވެ. އަދި އޭނާ ވަނީ 70 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައި ދިނުމަށްފަހު، 81 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ.
މި ނަތީޖާއާއެކު ސިޓީ ވަނީ ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ޕެލަސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާޥަލުގެ 13 ވަނައިގައެވެ.