މި ސީޒަނުގައި އަލަށް ގެނައި ފޯވާޑް ރަހީމް ސްޓާލިންގެ ދެ ލަނޑާ އެކު، 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ޗެލްސީ އިން 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ޗެލްސީން ރޭ ލެސްޓާއާ ދެކޮޅަށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 28 ވަނަ މިނިޓްގައި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު، ކޮނާ ގެލަގާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ލެސްޓާ އިން ކޯނަރެއްގައި ގޯލެއް ޖެހި ނަމަވެސް ވީއޭއާރް އިން ނިންމީ އެ ގޯލު ބަލައިނުގަންނާށެެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗެލްސީން ދެ ވަނަ ހާފު ފެށިގެން ދެ ގޯލު ޖެހިއެވެ. ދެ ލަނޑު ވެސް ޖެހީ ރަހީމް ސްޓާލިން އެެވެ. މި ދެ ގޯލު ޖެހުމުގެ އިތުރުން ސްޓާލިން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ. ލެސްޓާ އަށް ހާވީ ބާންސްގެ ގޯލުން އުންމީދެއް ލިބުނުއިރު، ނަތީޖާ ހަމަހަމަކުރަން ޖޭމީ ވާޑީ އާއި އަޔޯޒީ ޕެރޭޒް ރަނގަޅު ހަމަލާތަކެއް ފޮނުވާލިއެވެ. އަޔޯޒީ ޕެރޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ޗެލްސީން މިރޭގެ މެޗު ކުޅެން ޖެހުނީ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބެންޗުގައި ނެތި އެވެ. ޓުޗެލް ހުރީ ބެންޗަށް ނާދެވޭ ގޮތަށް އެއް މެޗުގެ ސަސްޕެންޝަނެއްގައެވެ. އޭނާ ސަސްޕެންޑްކޮށްފައިހުރީ މި މަހު 14 ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެެމެދު ހިނގި އަރާރުމެއްގެ މައްސަލައިގައެވެ.
ލީގުގައި މިރޭ ދެން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި އެވަޓަން ވަނީ 1-1 އިން އެއްވަރުވެފައެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަތަރު ކްލަބްގެ ތެރޭގައި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ އެވަޓަން ހިމެނެއެވެ. އެވަޓަންގެ އިތުރުން މޮޅެއް ނުލިބި ދެން އޮތީ ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ އަދި ވުލްވްސްއެވެ. އެވަޓަން އާއި ލެސްޓާ ހަަތަރު މެޗު ކުޅުނުއިރު، ވުލްވްސް އާއި ވެސްޓް ހޭމް އަދި ކުޅުނީ ތިން މެޗެވެ.